ކީވް (21 އޮކްޓޯބަރު) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް އަސްކަރިއްޔާއަށް އެހީވުމަށް އެ ގައުމުން ހިފާފައިވާ ކްރިމިއާ ސަރަހައްދުގައި އީރާނުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އީރާނުން ރަޝިއާއަށް ފޮނުވާ ޑްރޯން މިސައިލްތައް އޮޕަރޭޓް ކުރަން އީރާނުގެ ސިފައިން އަމަލީ ގޮތުން ކްރިމިއާގައި ހަރަކާތަތެރިވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކިރްބީ ވިދާޅުވީ ކްރިމިއާގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަނީ ރަޝިއާ ސިފައިންނަށް ތަމްރީނުދޭ އީރާން ސިފައިންގެ އިތުރުން ޓެކްނިކަލް އޮފޝަލުން ކަމަށެވެ.

"އީރާނުން އަންނަނީ މިހާރު ސީދާ ގޮތުން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވެ ޑްރޯންތައް އޮޕަރޭޓް ކުރުމުގައި އެހީ ވަމުން،" ކިރްބީ ވިދާޅުވި އެވެ.

އީރާނުގެ ހަރަކާތްތައް ގާތުން ބަލައި ޔޫކްރެއިން ރައްޔިތުންނަށް އެހީވުމުގައި އެމެރިކާއިން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް ކްރިބީ ވިދާޅުވެފައިވެ އެވެ.

އީރާނުން ރަޝިއާއަށް ރިސައިލް ޑްރޯންތައް ފޮނުވާ ކަމަށް އެމެރިކާއާއި ހުޅަނގުން ތުހުމަތު ކުރި ނަމަވެސް އީރާނުން މި ތުހުމަތުތަކަށް ދެކޮޅު ހަދަ އެވެ. -- އަލް އަރަބިއްޔާ