ކީވް (21 އޮކްޓޯބަރު) މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައަށް އިތުރު ހަތިޔާރު ހޯދުމަށް ޔޫކުރެއިނުން އިޒްރޭލުގެ އަސްކަރީ އެހީއަށް އެދިއްޖެ އެވެ.

ޔޫކްރެއިނުން އިޒްރޭލުގެ އެހީއަށް އެދިފައި މިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބޯ އިޒްރޭލުގެ ބޮޑުވަޒީރު ޔައިރް ލެޕިޑްއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިޒްރޭލުން ޔޫކްރެއިނަށް ދުރު ރާސްތާ މިސައިލްތަކާއި އެހެނިހެން އަސްކަރީ ބަރު ހަތިޔާރު ފޮނުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ފޯނު ކޯލަށް ފަހު ކުލެބާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނަށް ލިބެމުން އަންނަ މާއްދީ އަދި އިންސާނީ ގެއްލުމުގެ ޚަބަރު ލެޕިޑްއަށް އަރުވާފައިވާނެ ކަމަށެވެ.

ރަޝިއާ އިން ޔޫކްރެއިންއަށް އަރައި ކުރަމުންދާ ހަނގުރާމަ އިޒްރޭލުން ކުށްވެރި ކުރި ނަމަވެސް އެ ގައުމުން ޔޫކްރެއިންއަށް ދޭނީ ހަމައެކަނި އިންސާނީ އެހީ ކަމަށް މީގެ ކުރިން އެ ގައުމުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ލެޕިޑްގެ އޮފީހުން ބުނީ އީރާނުން ޔޫކްރެއިންގައި އަދާކުރަމުންދާ ދައުރާމެދު ލެޕިޑް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އީރާނުން ރަޝިއާ އަށް މިސައިލް ޑްރޯންތައް ފޮނުވާ ކަމަށް އެމެރިކާ އާއި ހުޅަނގުން ތުހުމަތުކުރި ނަމަވެސް އެ ގައުމުން އަންނަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. -- އަލް އަރަބިއްޔާ