ރުޅިއަކީ ގިނަ ބަޔަކަށް ކޮންޓްރޯލް ކުރަން އުނދަގޫ ކަމެކެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ރުޅި ކޮންޓްރޯލްކުރުމަށް އެންމެ ރަނގަޅު ކަންކަމުގެ ތެރޭގައި ވަރަށް ފަސޭހަ ބައެއް ކަންކަން ހުންނައިރު މިކަންކަމަކީ ހަށިގަނޑަށް އިތުރު ފައިދާވެސް ލިއްބައިދޭ ކަންކަމެވެ.
އެފަރާތްތަކުން ބުނާގޮތުގައި ވާހަކަދެއްކުމުގެ ކުރިން އަބަދުވެސް ދެވަނަ ފަހަރަށް ވިސްނާލުމަކީ ރުޅި ކޮންޓްރޯލްކޮށް ތިބާއަށް ބުނަންޖެހޭ އަދި ނުޖެހޭ އެއްޗެއް ދެނެގަތުމަށް ފަސޭހަކޮށްދޭ ކަމެކެވެ.
ރުޅި މަޑުވުމުން މީހާ ހަމަޖެހިލައިގެން ރުޅި އައި ސަބަބާމެދު ވިސްނާލައި އަދި އެކަންކަން ހައްލުކުރާނެ ގޮތްތަށް ހޯދުމަކީ ވެސް ރުޅި ކޮންޓްރޯލް ކުރުމަށް އާދަކުރެވޭނެ ގޮތްތަކެވެ.
އެ ހުރިހާ ކަންކަން އެގޮތަށް އޮތްއިރު ތަޖްރިބާކާރުން ބުނެފައިވަނީ ރުޅި ކޮންޓްރޯލްކުރުމަށް އޮތް އެންމެ އަވަސް ހައްލަކީ ކަސްރަތު ކުރުން ކަމަށެވެ. އަދި އެކަމަކީ ހަށިގަނޑަށްވެސް މުހިންމު ފައިދާތަކެއް ލިއްބައިދޭ ކަމަކަށްވާއިރު ރުޅިމަޑުކުރަން އެހީވުމަކީ އެއިން ލިބޭ އިތުރު ފައިދާއެއް ކަމަށް ބުނެވެ އެވެ.
އެގޮތުން ޖިމް ނުވަތަ ކުޅޭހިތްވާ ލުއި ކުޅިވަރެއް ކުޅުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ވެސް ރުޅި ކޮންޓްރޯލްކުރުމަށް ވަރަށް ފަސޭހަވެގެންދެ އެވެ.
ރުޅި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ އިތުރު ކަމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަނެއްކަމަކީ ރުޅި އަންނަ ވަގުތު ކުޑަކޮށް ހިނގާލުމަށް ނިކުތުމެވެ. އެގޮތުން އެފަދަ ވަގުތުތަކުގައި އެހެން މީހުންނާއި ދުރުގައި ވިސްނާލުމަށް ފުރުސަތު ލިބޭއިރު މިއީ ހަށިގަނޑަށްވެސް ލިބިގެންދާނެ ފަސޭހަ ކުޑަ ކަސްރަތެކެވެ.
މިއީ ރުޅި މަޑުކުރަން ނުވަތަ ރުޅި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ފަސޭހަ އަދި ފައިދާހުރި ބައެއް ކަންކަމެކެވެ.