ފިލްމީ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް އޭނާ އަކީ ސަލްމާން ޚާންގެ ޅިޔަނުގެ ގޮތުގައި އަދިވެސް ސިފަ ކުރަމުން އަންނަ ކަމަށާއި އެއީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށް އެކްޓަރު އާޔޫސް ޝަރުމާ ބުނެފި އެވެ.

2014 ވަނަ އަހަރު ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން އާއި ކައިވެނިކުރި އަޔޫޝް ޝަރްމާއަކީ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. މިހާރު އެ ދެ މީހުންނަށް ދެ ކުދިން ވަނީ ލިބިފަ އެވެ.

އޭނާ ބޮލީވުޑަށް ތައާރަފުވީ 2018 ވަނަ އަހަރު ސަލްމާން ޚާން ޕްރޮޑިއުސްކުރި ފިލްމު "ލަވްޔާތުރީ" އިންނެވެ. އޭގެ ފަހުން އޭނަ ފެނިފައި ވަނީ ސަލްމާނާއެކީ މިދިޔަ އަހަރުގެ "އަންތިމް: ދަ ފައިނަލް ޓުރުތު" އިންނެވެ.

އާޔޫޝް ޓެޑެކްސް ޝޯއެއްގައި ވާހަކަ ދައްކަމުން ބުނީ ގިނަ ބަޔަކު ހަމައެކަނި އޭނަ ސިފަކުރަނީ ސަލްމާންގެ ޅިޔަނު ނުވަތަ އަރްޕިތާގެ ފިރިމީހާގެ ގޮތުގައި ކަމަށެވެ. އެކަމަކު އެއީ އިންސާފެއް ނޫން ކަމަށް ބުންޏެވެ.

"އަހަރެން އަހަރެން ސިފަކުރަން ބޭނުން ވަނީ އެކްޓަރެއްގެ ގޮތުގައި ކުރިއަށްދާން މަސައްކަތްކުރާ މީހެއްގެ ގޮތުގައި،" އާޔޫޝް ބުންޏެވެ.

އާޔޫޝް ބުނި ގޮތުގައި އޭނާ އަރްޕިތާއާ ކައިވެނިކުރުމުން ވަރަށް ގިނަ ބަޔަކު ފާޑުކިޔައި، މަލާމާތް ވެސް ކޮށްފައިވެ އެވެ. އެގޮތުން އެ ކައިވެނީގެ ބޭނުމަކީ ތަނަވަސް އާއިލާއެއްގެ ތެރެއަށް ވަނުން ކަމަށާއި ފަސޭހައިން ބޮލީވުޑަށް ނުކުންނަން މަގުފަހިކުރުން ކަމަށް ބުނެ ވެސް ބަޔަކު އެތައް ވާހަކައެއް ދައްކާފައިވެ އެވެ.

https://www.youtube.com/watch?v=tGdM42WlIK0

އޭނާ ބުނި ގޮތުގައި ސަލްމާންގެ އާއިލާގެ މެމްބަރަކާ ކައިވެނިކުރުމުގައި އަމިއްލަ އެއްވެސް އެދުމެއް ނެތެވެ. އަދި އަރްޕިތާއާ ކައިވެނިކުރީ ވަރަށް ލޯބިން ކަމަށް ބުންޏެވެ.

"އަހަންނަކީ ހަގީގަތުގައި ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެއް ނޫން. އަދި އަހަންނަކީ އެކްޓަރަކަށްވުމަށްޓަކައި އަދިވެސް ތަކުލީފުތަކަށް އުފުލާ މީހެއް،" އާޔޫޝް ބުންޏެވެ. "އަހަންނަށް ހެޔޮ އަހަރެންގެ މަސައްކަތާ ގުޅުވާފައި ކިތަންމެ ވަރަށް ފާޑުކިޔަސް. އެކަމަކު އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ. އެ ފުރުސަތެއް ނުވެސް ދޭނަން،" އަޔޫޝް ބުންޏެވެ.

ފިލްމީ ތަރިންގެ ދަރިއަކަށް އޭނާ ނުވިޔަސް ހިންދީ ފިލްމު އިންޑަސްޓްރީއާ ގުޅުން ނެތް ބޭރުން އަންނަ މީހުން ފިލްމީ މަސައްކަތް ހޯދަން ކުރަން ޖެހޭ ވަރަށް އަޔޫޝް އަކަށް ފިލްމުކުޅުމުގެ ފުރުސަތު ހޯދަން މަސައްކަތް ކުރަން ނުޖެހުނުކަން ޚުދް އަޔޫޝް ވެސް ގަބޫލު ކުރެއެވެ.

އާޔޫޝް ވަނީ އޭނާގެ ތިން ވަނަ ފިލްމު ވަރަށް ފަހު އިއުލާނު ކޮށްފަ އެވެ.