މިހާރު އެންމެ ބޭނުން ވަނީ ސައުތު އިންޑިއަން ފިލްމުތަކުގައި މަސައްކަތް ކުރަން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ބަތަލާ ކެޓްރީނާ މިހެން ބުނެފައިވަނީ އަންނަ މަހު ރިލީޒްކުރާ އޭނަގެ ފިލްމު "ފޯން ބޫތު" ގެ ޕްރޮމޯޝަން އިވެންޓެއްގައި މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މިއިވެންޓްގައި ކެޓްރީނާ ވަނީ މިދިޔަ މަހު ރިލީޒްކުރި ސައުތު ފިލްމެއް ކަމަށްވާ ޕީއެސް ވަން (ޕޮނިޔިން ސެލްވަން) އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެ ފިލްމުގެ ބަތަލާ އަކީ އައިޝްވާރިއާ ރާއީ އެވެ.

ތަމަޅަ ބަހުން ހެދި "ޕީއެސް ވަން" އަކީ އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހަކުން ޑަބްކޮށްގެން ސިނަމާތަކަށް ގެނައި މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

"ވަރަށް ހިތްގައިމު ފިލްމެއް އެއީ. ފިލްމުގެ ކޮންމެ ފްރޭމެއް ވަރަށް ފުރިހަމަވެފައި ޗާލު. އަދި ފިލްމުގެ މިއުޒިކް ވެސް އެހާމެ ރީތި. މިއިން ދައްކުވައި ދިނީ ޑައިރެކްޓަރުގެ މޮޅުކަން،" ކެޓްރީނާ ބުންޏެވެ.

ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮއްނިޔިން ސެލްވަން" މިހާރު ވެސް 475 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.

ކެޓްރީނާ މިހާރު ވެސް އަންނަނީ ދެކުނުގެ އެކްޓަރަކާ އެކީ ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ވިޖޭ ސެތުޕަތީއާއެކީ ކުޅޭ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "މެރީ ކްރިސްމަސް" އެވެ.

ކެޓްރީނާގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު ދެކުނުގެ ފިލްމުތަކުގެ ތެރޭގައި 2004 ގެ ތެލެގޫ ފިލްމު "މަލިސްވަރީ" އާއި 2005 ގެ "ޕިޅްގޫ" ގެ އިތުރުން 2006 ގެ މަލަޔާޅަމް ފިލްމު "ބަލްރާމް ވާސަސް ތަރަޑާސް" ހިމެނެ އެވެ.

މި ފަހުން އިންޑިއާގެ ދެކުނުން ވަރުގަދަކަން ދައްކައިލި ފިލްމުތަކުގެ ތެރޭގައި "ބާހްބަލީ" ގެ ދެ ފިލްމާއި "ކޭޖީއެފް" ގެ ދެ ފިލްމާއި "ޕުޝްޕާ" އާއި "ސޫރަރައިޕޮއްޓުރޫ" ގެ އިތުރުން "އާރްއާރްއާރް" ފާހަގަކޮށްލެވެ އެވެ. މި ފިލްމުތަކުގެ މޮޅުކަމުގެ ވާހަތަކާ އެކީ ހިންދީ ބަހުން ހަދާ ބޮލީވުޑް ފިލްމުތަކުގެ ފީކަޅާކަމުގެ ވާހަކައާ އެކީ ބޮޑެތި ފާޑުކިޔުންތައް ވެސް އެ އިންޑަސްޓްރީ އަށް އަމާޒުވެފައިވެ އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރު ގިނަ މީހުންގެ ފަރާތުން އެންމެ ހޫނު ތަރުހީބެއް ލިބެމުން އަންނަނީ ދެކުނު އިންޑިއަން ފިލްމުތަކަށެވެ. އެކަމުގެ ސަބަބުން ބޮލީވުޑްގެ ފުންނާބު އުސް ބައެއް ތަރިން ވެސް މިހާރު ދެކުނުގެ ފިލްމު އިންޑަސްޓްރީއާ ދަނީ ގުޅެމުންނެވެ.