ތެހްރާން (27 އޮކްޓޯބަރު) އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ރަޝިއާ އިން އެއްބާރުލުން ދެމުންދާ ކަމަށް އެމެރިކާ އިން ތުހުމަތު ކޮށްފި އެވެ.

އެގޮތުން އެމެރިކާގެ ވައިޓް ހައުސްއިން ބުނީ ހަމަނުޖެހުންތަކުގެ ބައިވެރިން ކޮންޓްރޯލް ކުރާނެ ގޮތްތަކުގެ މަޝްވަރާ ރަޝިއާ އިން އީރާނަށް ދެމުން އަންނަ ކަމަށެވެ.

އެމެރިކާ އިން މި ތުހުމަތުކޮށްފައި މިވަނީ ރަޝިއާ އިން ޔޫކްރެއިންގައި ހިނގަމުން އަންނަ ހަނގުރާމައިގައި ބޭނުން ކުރުމަށް އީރާނުން ޑްރޯން ފޯރުކޮށްދޭ ކަމަށް ވެސް ހުޅަނގުން ތުހުމަތު ކޮށްފައި ވަނިކޮށެވެ.

ރަޝިއާ އާއި އީރާނުގެ މަޝްރަހު ވެސް މި ވަގުުތު ހޫނުވެފައިވާއިރު އެއްގައުމުން އަނެއް ގައުމަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުން އަންނަ ކަމަށް ހުޅަނގުން މެދު ނުކެނޑި ތުހުމަތު ކުރެ އެވެ.

އެހެން ނަމަވެސް މި ތުހުމަތުތަކަށް އެ ދެ ގައުމުން ވެސް ދެކޮޅު ހަދާފައިވާއިރު އެއްގައުމުން އަނެއްގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ކަމަށް ކެނޑިނޭޅި ބުނަމުންދެ އެވެ.

ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފުވި ކަމަށް ބުނެ ހައްޔަރުކުރި އީރާނުގެ މްހްސާ އަމީނީގެ މަރާ އެކު އެ ގައުމުގެ މަޝްރަހު ގޯސްވެފައިވާއިރު ހުޅަނގުގެ ގައުމުތަކުގައި ވެސް އަންނަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް އެއްވުންތައް ބާއްވަމުންނެވެ.

މި ހާލަތުގައި އީރާނަށް ވާގިދޭނެ ހަމައެކަނި ގައުމަކީ ރަޝިއާ ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ