ހިކެން ބޭނުންވެ އެވެ. އެހެން ނަމަވެސް ކުރާނީ ކީއް ކަމެއް ނޭނގެ އެވެ. ފަށާނީ ކިހާ ހިސާބަކުން ކަމެއް ނޭނގެ އެވެ. މިފަދަ ޚިޔާލުތަކެއް ސިކުނޑީގައި އެނބުރޭނަމަ ބަރުދަން ލުއިކުރަން ކުރާ މަސައްކަތުގެ ފެށުމަށް ލަސްލަހުން ކާން އާދަ ކުރާށެވެ.
ކާން ފެށުމަށްފަހު ބަނޑު ފުރިއްޖެކަމުގެ ސިގްނަލް ސިކުނޑިން ދޭން 20 މިނިޓް ނަގާނެ އެވެ. އެހެންވީމާ ކާން ފެށުމަށްފަހު އެ ހިނގާ 20 މިނިޓް ތެރޭގައި ކިތަންމެ ގިނައިން ކެވުނަސް އެ މީހާއަކަށް އެކަމެއް އިހްސާސެއް ނުވާނެ އެވެ.
އެހެން ކަމުން މަޑުމަޑުން އިނދެގެން އަނގަޔަށްލާ ކޮންމެ ސުވަޔެއް ހަފާ ހިމުންކޮށް ދިރުވާނަމަ 20 މިނިޓް ފާއިތުވާއިރު މަދުއެތިކޮޅެއް ކެވި އަދި ބަނޑު ފުރިއްޖެކަމުގެ ސިގްނަލް ސިކުނޑިން ދޭނެ އެވެ. މިގޮތުގެ މަތިން ކެވޭނީ ނިސްބަތުން ވަރަށް ކުޑަ އެތިކޮޅެކެވެ.
ނޯތު އެމެރިކަން އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް އޮބޭސިޓީއަށް ހުށަހެޅި ދިރާސާއެއްގައިވާ ގޮތުން އާދަޔާޚިލާފަށް ފަލަ އަންހެނުންނާއި ފިރިހެނުން ވެސް އެމީހުން ކާ ސްޕީޑް ދަށްކޮށްލުމުން ހަށިގަނޑަށް އެތެރެވާ ކެލޮރީ މަދުވެ އެވެ.
ލަސްލަހުން ކެއުމުގެ އަނެއް ފައިދާއަކީ ކާ އެއްޗެތީގައި ލާ މީރު ރަހަ އެމީހަކަށް އިހްސާސްވާލެއްވެސް އިތުރުވުމެވެ. ނަތީޖާއަކަށްވަނީ ކެވޭ މަދު އެތިކޮޅުން ހިތްފުރި ކެވިއްޖެ ކަމުގެ އިހުސާސް ކުރެވުމެވެ.
އެހެން ކަމުން ކިތަންމެ ބުރަކޮށް އުޅަމުން ވިޔަސް ހަމަޖެހިގެން ކާން ވަގުތު ހޯދާށެވެ. އެއީ ތިބާގެ ބަރުދަން ލުއިކުރުމުގެ ފެށުމަށް ވެސް ވެދާނެ އެވެ.