ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީގެ އާ ފިލްމު "ވިތައުޓް ބްލަޑް"އަކީ ހިތްދަތިކަމާއި ޓްރޯމާއިން އަރައިގަތުމާ ބެހޭގޮތުން އުފައްދާފައިވާ ފިލްމެއްކަމަށް އޭނާ ބުނެފި އެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި މި ފިލްމަކީ އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާ ވަކިވުމަށްފަހު އޭނާ ހޭދަކުރި އުނދަގޫ ދުވަސްތަކާއި އެ ހިތްދަތިކަމުން އަރައިގަތުމަށް ކުރި މަސައްކަތުގެ ސިފަ އެކެވެ.
އެލެސަންޑްރޯ ބަރިކޯގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމާ ގުޅޭގޮތުން އެންޖެލީނާ ބުނީ، މި ފިލްމަކީ "ހިތްދަތިކަމާއި ޓްރޯމާގެ ފަހުން ޖަވާބުތައް ހޯދައި، ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ހާއްސަ ފިލްމެއް" ކަމަށެވެ.
ފިލްމުގެ މައިގަނޑު އެއް ވާހަކައަކީ "އިންސާނާ އެނބުރި އެ ގޮތަކަށް ބިނާވި ތަނަކަށް ދިއުން" ނުވަތަ މީހަކު ހަލާކުވި ތަނަށް އަލުން ދިއުމުގެ ވާހަކަ އެވެ.
އެންޖެލީނާއާ ގާތް މީހުން ބުނާ ގޮތުގައި، އޭނާ މި ފިލްމު ބިނާކޮށްފައި މިވަނީ ހަމަ އެކަނި ފިކްޝަން ވާހަކައެއްގެ ގޮތަކަށް ނޫނެވެ.
އޭނާގެ ހަޔާތުގައި ބްރެޑް ޕިޓްއާ ވަކިވުމަށްފަހު ކުރިމަތިވި ޝަރުއީ އަދި އާއިލީ މައްސަލަތަކާއި އެ ހުރިހާ ކަމެއްގެ ތެރެއިން އޭނާގެ ނަފްސަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރި މަސައްކަތް މި ފިލްމުން ފެނިގެންދާނެ އެވެ.
ސީދާ ބްރެޑް ޕިޓްގެ ނަން ނުގަތް ނަމަވެސް، އެންޖެލީނާ ވަނީ ދާދި ފަހުން އޭނާގެ ހަޔާތާ ބެހޭގޮތުން ވާހަކަ ދައްކަމުން، އޭނާގެ "ހަނގުރާމަ ކުރުމުގެ ރޫހު" އަލުން ލިބިފައިވާ ކަމަށް ބުނެފަ އެވެ.
"އަހަރެންނަށް ދުވަސްކޮޅަކަށް އެ ރޫހު ގެއްލުނު. އެކަމަކު މިހާރު ދަރިން ބޮޑެތިވެ، އެ ކުދިން އަހަރެންނަށް ހިތްވަރު ދިނުމާއެކު، އަލުން އެ ހަކަތަ ލިބެމުން އެބަދޭ،" އެންޖެލީނާ ބުންޏެވެ.
އުމުރުން 51 އަހަރުގެ އެންޖެލީނާ އާއި 62 އަހަރުގެ ބްރެޑް ޕިޓް ވަކިވީ 2016 ވަނަ އަހަރު އެވެ. 12 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު ވަކިވި މި ދެތަރިންގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކާއި ޝަރުއީ މައްސަލަތައް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަ ކޮށްލެވެ އެވެ.
މި ފިލްމުގެ އިތުރުން އެންޖެލީނާގެ އެހެން ފިލްމުތަކުން ވެސް އޭނާގެ އަމިއްލަ ދިރިއުޅުމާއި ނަފްސާނީ ގޮތުން އޭނާ ކުރާ މަސައްކަތްތައް ސިފަވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟