ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާންގެ މަންމަ ޒީނަތު ހުސެއިން ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދީފި އެވެ.

"ޓައިމްސް އޮފް އިންޑިއާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒީނަތުއަށް ހާޓް އެޓޭކެއް ޖެހިފައިވަނީ އިންޑިއާގައި ފާހަގަކުރާ އެންމެ ކުލަގަދަ އެއް ފެސްޓިވަލްކަމަށްވާ ދިވާލީ ފާހަގަކުރުމަށް "ޕަންޝަގާނީ ރެޒިޑެންސް"ގައި ތިއްބަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާމިރްގެ މަންމައަށް މިހާރު އަންނަނީ މުމްބާއީގައި ހުންނަ "ބްރީޗް ކޭންޑީ" ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ މިހާރު އާމިރްގެ މަންމަގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އާމިރް ފަރާތުން އެއްވެސް ހަބަރެއް ލިބިފައިނުވެ އެވެ.

މީގެ ކުރިން އާމިރް ހިންދުސްތާން ޓައިމްސްއަށް ދިން އިއްޓަވިއުއްގައި ބުނެފައިވަނީ "އަހަރެންގެ މަންމައަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިންމު މީހެއް. އަދި ހަމައެކަނި ވަކި ދުވަހެއްގައި ނޫން،" ކަމަށެވެ.

އާމިރް ޚާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ކޮފީ ވިތް ކަރަން" ޝޯވއިންނެވެ.

އެ ޝޯގައި ވާހަކަ ދައްކަމުން އާމިރު ޚާން ވަނީ އޭނާ މިހާތަނަށް އެންމެ ހިތްހަމަ ނުޖެހޭ ކަމަކީ އާއިލާއާއެކު އެކަށީގެންވާ މިންވަރަށް ވަގުތު ހޭދަކުރެވިފައި ނެތުން ކަމަށް ބުނެފަ އެވެ. އޭނާ ބުނެފައިވާގޮތުގައި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އާއިލާގެ ތެރެއިންވެސް ހާއްސަކޮށް މަންމަ އަދި ދަރިންނާއި އެކު ވަގުތު ހޭދަކުރުމަށެވެ.