ކަދުރު ރުއްތަކުގެ ޕިޓްތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދޭނެ ފަރާތެއް ހޯދަނީމާލޭގެ ވަށައިގެން އިންދާފައިވާ ކަދުރު ރުއްތަކުގެ ބުޑުގައި ރާނާފައިވާ ޕިޓްތަކުގައި، އަމިއްލަ ހަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސިޓީ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން މާލޭސިޓީގެ މާލޭގެ ވަށައިގެން އިންދާފައިވާ ކަދުރު ރުކުގެ ބުޑުގައި ރާނާފައިވާ ބައިގައި، އަމިއްލަ ހަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް، ސާވިސްކޮށް މެއިންޓެއިން ކުރުމާއެކު މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހު މައުލޫމާތު ސާފުކުރެއްވުމަށްފަހު 15 ނޮވެންބަރު ދުވަހު އަގު މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މާލޭގެ ރިން ރޯޑުގައި އިންދާފައިހުރި ރުއްތަކުގެ ޕިޓް ތަކުގައި ޑިޖިޓަލް ބޯޑުތައް ހަރުކުރުމަށްފަހު އޭގެން އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު މިކަން ކުރަންވީ ގޮތުގެ އުސޫލު ލިޔެވި ކައުންސިލުން އެންޑޯޒް ކުރުމަށްފަހު ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 68 ވަނަ ޖަލްސާގައިވަނީ ފާސްކޮށްފަ އެވެ.