ލަންޑަން (09 ނޮވެމްބަރު) - ކެބިނެޓް އެކުލަވާލިތާ ދެ ހަފްތާ ތެރޭގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްގެ ސަރުކާރުން ވަޒީރަކު އިސްތުއުފާ ދެއްވައިފި އެވެ.
މިނިސްޓަ އޮފް ސްޓޭޓް ވިތުއައުޓް ޕޯޓްފޯލިއޯ ގެވިން ވިލިއަމްސަން އިސްތިއުފާ ދެއްވާފައި ވަނީ އެހެން ވަޒީރުންތަކަކަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އޭނާއަށް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ބޮޑުވަޒީރު ސުނަކްއަށް ގެވިން ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރެވޭއިރު އިންސާފުވެރިކަން ޔަގީން ކުރުމުގެ ގޮތުންނާއި އެ ތުހުމަތުތަކުން އޭނާގެ ނަން ސާފުކުރުމަށްޓަކައި އިސްތިއުފާ ދޭން ގަސްދުކުރީ ކަމަށެވެ.
ގެވިންގެ އިސްތިއުފާ ގަބޫލު ކުރައްވައި ބޮޑުވަޒީރު ސުނަކް ވިދާޅުވީ ގެވިން ސަރުކާރުގެ ޚިދުމަތުން ވަކިވުމަކީ ހިތާމަ ކުރެއްވި ކަމެއް ކަމަށާއި އެހެން ނަމަވެސް ގެވިންގެ ނިންމުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.
މިދިޔަ މަހު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ކަމަށް ރިޝީ ސުނަކް ރިޝީ ސުނަކް އިސްވެ ވަޑައިގަތީ އޭރުގެ ބޮޑުވަޒީރު ލިޒް ޓްރުސް ވެސް ޚިދުމަތުގައި 22 ދުވަހު ހުންނެވުމަށްފަހު އިސްތިއުފާ ދެއްވުމުންނެވެ.
ޓްރުސް އިސްތިއުފާ ދެއްވީ އޭނާގެ ބައެއް ނިންމުންތަކުގެ ސަބަބުން އިނގިރޭސި ވިލާތުގެ އިގްތިސާދު ހަލަބޮލިވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
ގެވިންގެ އިސްތިއުފާއާއެކު ބޮޑު ވަޒީރު ސުނަކް އައްޔަން ކުރެއްވި ކެބިނެޓް މެމްބަރުންގެ ފެންވަރާމެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. -- އަލް އަރަބިއްޔާ