މާލޭގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.

ރޭ ދަންވަރު 12:30 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާނުގައި ހުންނަ މ. ނިރު ފެހި ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގަ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަރާފައިވާއިރު އެކަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އެ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗާ ހަވާލާ ދެއްވާ ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ ހުސް ބިދޭސީންނެވެ. މީގެ ތެރޭގައި ގިނައީ އިންޑިއާ މީހުން ކަމަށްވެ އެވެ.

މި ހާދިސާގެ މާ ބޮޑު ތަފްސީލެއް އަދި މިހާތަނަށް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ. މަރުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު ސަހަރާގެ މޯޗަރީ އަށް ގެންގޮސްފަ އެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:30 ހާއިރު ލިބުމާ ގުޅިގެން ފަޔަ އެންޑް ރެސްކިއުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ފަތިހު 4:34 ހާއިރު ކަމަށް ސިފައިން ބުންޏެވެ. އެ ހާދިސާއާ ގުޅިގެން ރޭ 14 މީހަކު ސަލާމަތްކޮށްފައިވެ އެވެ.

މާލޭގައި 2019 ގައި ވެސް އަލިފާނުގެ ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި އަންހެނަކު ފިހިގެން މަރުވެފައިވެ އެވެ. ރޭ ރޯވި ގަރާޖަކީ ކުރިން ވެސް އަލިފާނުގެ އެތައް ހާދިސާއެއް ހިނގާފައިވާ ތަނެކެވެ.