ވޮޝިންޓަން (12 ނޮވެމްބަރު) - އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕްގެ މި ނިންމެވުން ރަސްމީކޮށް އިއުލާން ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށް އޭނާގެ އެޑްވައިޒަރު ޖޭސަން މިލަން ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް އައީ މިދިޔަ ހަފްތާ ތެރޭގައި ބޭއްވި މިޑްޓާމް އިންތިހާބުގެ ރިޕަބްލިކަން ޕާޓީގެ ކެމްޕެއިން ތެރެއިން ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެތައް ފަހަރަކު އިޝާރާތް ކުރައްވާފަ އެވެ.

2024 ގެ އިންތިހާބުގައި ޓްރަމްޕެް ވާދަ ކުރައްވާނަމަ އެއީ ރައީސް ކަމަށް އޭނާ ވާދަ ކުރައްވާ ތިންވަނަ ފަހަރެވެ. އެންމެ ފަހުން ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވާދަ ކުރެއްވި 2020 ވަނަ އަހަރު އޭނާއަށް ނާކާމިޔާބުވީ މިހާރުގެ ރައީސް ޖޯ ބައިޑަންއާ ވާދަކޮށްގެންނެވެ.

ޓްރަމްޕްގެ މި ނިންމުން އިއުލާން ކުރައްވަން ހަމަޖެހިފައި މިވަނީ މިޑްޓާމް އިންތިހާބުގައި އޭނާ ތާއީދު ކުރެއްވެވި ގިނަ ކެނޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.

މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ހީކުރިވަރަށްވުރެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. -- އަލް އަރަބިއްސާ