ކީވް (12 ނޮވެމްބަރު) - ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ކާރްސަންއަށް ޔޫކްރެއިން ސިފައިން އަލުން ވަދެ އެ ސަރަހައްދު ފަތަހަ ކޮށްފި އެވެ.

ޔޫކްރެއިން ސިފައިން ކާރްސަންއަށް ވަދެފައި މިވަނީ އެ ސަރަހައްދުން ރަޝިއާ ސިފައިން ފައިބާނެކަން މީގެ ދެ ދުވަސް ކުރިން އެ ގައުމުން އިއުލާންކޮށް އެ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށެވެ.

މިކަމާ ގުޅިގެން ޔޫކްރެއިން ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މި ކާމިޔާބީ ފާހަގަކޮށް މިއަދަކީ "ތާރީޚީ ދުވަހެއް" ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ކާރްސަންއަކީ ރަޝިއާގެ އަތްދަށަށް 2014 ވަނަ އަހަރު ގޮސްފައިވާ ކްރިމިއާ ސަރަހައްދާ ބޯޑަރު ހިއްސާކުރާ ސަރަހައްދަކަށް ވުމުން ރަޝިއާއަށް މި ސަރަހައްދުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ކާރްސަންއަކީ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނެވުނު ހަމައެކަނި ސަރަހައްދު ވެސްމެ އެވެ.

އެ ސަަރަހައްދުން ރަޝިއާ ސިފައިން ފައިބަން ނިންމައި އެކަން އިއުލާން ކުރި ވަކި ސަބަބެއް ރަޝިއާއިން ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ރަޝިއާއިން ކޭރްސަންއަށް ކަނޑައަޅާފައި ހުންނަ އިސް ލީޑަރު ވަނީ ހަނގުރާމައިގެ ތެރެއިން މިފަހުން މަރުވެފަ އެވެ.

ރަޝިއާއިން ކާރްސަންއިން ފައިބާނެކަން އިއުލާން ކުރި ނަމަވެސް އެއްކޮށް އެ އޮޕަރޭޝަން ނިމެން ހަފްތާއެއް ވަރު ވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ