ކީވް (13 ނޮވެމްބަރު) - ހުޅަނގު ޔޫކްރެއިންގެ ކާރްސަން ޔޫކްރެއިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވުނު ނަމަވެސް ހަނގުރާމަ ނުނިމޭ ކަމަށް އޮފިޝަލުން އިންޒާރު ދީފި އެވެ.

ޔޫކްރެއިން ހަނގުރާމައިގައި ދެފަރާތުން ވެސް އެ ސަަރަހައްދެއްގެ ކޮންޓްރޯލް ހޯދަން މަސައްކަތްކުރި ކާރްސަން ވަނީ މީގެ މަސްތަކެއް ކުރިން ރަޝިއާގެ އަތްދަށަށް ގޮސްފަ އެވެ. މިއީ މިހާތަނަށް ހަނގުރާމައިގައި އެ ގައުމަށް ހިފުނު ހަމެއެކަނި ސަރަހައްދު ވެސް މެ އެވެ.

އެހެން ނަމަވެސް ކާރްސަންއިން ރަޝިއާ ސިފައިން ފައިބާނެ ކަމަށް އެގައުމުން މިދިޔަ ހަފްތާގައި ނިންމި ކުއްލި ނިންމުމަކީ ގިނަ ބަޔަކު ހައިރާން ކުރުވި ނިންމުމެެކެވެ.

މިނިންމުމުގެ ސީދާ ސަބަބެއް ރަޝިއާއިން ހާމަ ނުކުރި ނަމަވެސް މިފަހުން ރަޝިއާއިން ކޭރްސަންއަށް ކަނޑައަޅާފައި ހުރި ސަފީރު ވަނީ ހަނގުރާމައިގެ ތެރެއިން މަރުވެފަ އެވެ.

ކާރްސަންއިން ރަޝިއާގެ ސިފައިން ފައިބަން ފަށާފައިވާއިރު ޔޫކްރެއިން ސިފައިންގެ އިތުުރުން މީޑިއާގައި ސަރުކާރު އޮފިޝަލުން ވެސް މިހާރު އަންނަނީ ކާރްސަންއަށް ވަންނަމުންނެވެ.

އެއާއެކު ޔޫކްރެއިންގެ ރައްޔިތުން ވަނީ އެގައުމުގެ މަގުތަކަށް ނުކުމެ އުފާ ފާޅު ކުރަން ފަށާފަ އެވެ. އެހެން ނަމަވެސް މިއީ ހަނގުރާމައިން ކާމިޔާބު ވުން ނޫން ކަމަށާއި ހަނގުރާމަ ނިމުން އަދިވެސް އޮތީ ވަރަށް ދުރުގައި ކަމަށް އޮފިޝަލުން ބުނެ އެވެ.

ރަޝިއާއިން އެންމެ ފުރަތަމަ ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. -- އަލް އަރަބިއްޔާ