ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒްއިން ލ.އަތޮޅުގައި ހިންގާ މާންދޫ މަސްކާރުޚާނާއަށް މަސް ކިރުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެ ކުންފުނިން ނުދޭ މައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް 2 މެމްބަރަކު މި މައްސަލަ ހުށައެޅި އެވެ. އެއީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ. ދެ މެމްބަރަކު އެއް މައްސަލައެއް ހުށައެޅުމުން ގުރުއަތުން ކުރިއަށް ގެންދަން ނިމުނީ ވިސާމް ހުށައެޅި މައްސަލަ އެވެ.

ވިސާމު ވިދާޅުވީ ހޮރައިޒަން ފިޝަރީޒްއިން މާންދޫގައި ހިންގާ މަސްކާރުހާނާއަކީ ލ.އަތޮޅާއި ތ.އަތޮޅުގެ މަސްވެރިންނަށް ނުހަނު މުހިއްމު ތަނެއް ކަމަށާއި، ނަމަވެސް އެތަނާ ގުޅިގެން މަސްވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ދިގުލައިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިިން ބާނާ މަސް ނުކިރުމާއި، މަސް ކިރޭ ފަހަރުގައިވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށް ވިސާމް ވިދާޅުވި އެވެ.

މިހާރުވެސް ސައްބީސް ދޯންޏަކުން ފައިސާ ނުލިބިގެން މާންދޫގައި ދަނީ އިހްތިޖާޖު ކުރަމުންނެވެ. އަދި އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށް އަރާކަމަށް ލަފާކުރެވޭކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މަސްވެރިންނަށް ފައިސާ ނުދިނުމުން އެމީހުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތައް ކުރިމަތިވެ، މަސްވެރި އާއިލާތަކުގެ އެތައް ހައްގެއް ގެއްލޭކަމަށް ވިސާމް ވިދާޅުވިއެވެ. އަދި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކަށް ވިސާމް ގޮވާލެއްވި އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބަލައިގަންނަ ކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކުއްލި މައްސަލައަށް ވާހަކަދައްވަކަވަމުން ވިސާމް ވިދާޅުވި ގޮތުގައި މާންދޫއިން މަސް ގަންނަމުން އަންނަނީ މިފްކޯއާ އެއް އަގެއްގައެއް ނޫނެވެ. އަދި މަސްވެރިންނަށް ތެޔޮ ލިބުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.