މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް ނިންމިކަން އަދި އެފްކޮންސްއަށް އަންގާފައެއް ނުވެ އެވެ.

އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖުރިމަނާ ކުރީ ތިމާވެށި ގާނޫނުގެ ކޮން މާއްދާތަކަކާ ހަވާލާ ދެއްވާ ކަމެއް ވެސް އަދި އެ ފައިސާ ދައްކަން އަމުރުކޮށްފައިވާ މުއްދަތެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެފްކޮންސް އިން ބްރިޖް ސާވޭ އާއި ތަނބު ޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފަން ގެންގުޅުނު އެ ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރުނީ މިދިޔަ އޮގަސްޓު 16 ވަނަ ދުވަހު އެވެ. އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އުރި ގޭނެމުން ދިއުމުގެ ސަބަބުން ފަރުމަތީގައި ބޮޑެތި ބާގަނޑާއި ވަޅުގަނޑުތަކެއް ހެދިފައި ވެއެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހިގެން، އެފްކޮންސްވަނީ އަމިއްލައަށް ސާވޭވެސް ހަދާފަ އެވެ.

އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.