ސަރުކާރުން ހުށައެޅި ގޮތަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނަގަން 55 މެންބަރުން ވޯޓް ދެއްވި އެވެ. ޓެކްސް ބިލާ ދެކޮޅަށް ވޯޓް ދެއްވީ 26 މެންބަރުންނެވެ. މިއަދުގެ މަޖިލީހަށް 81 މެންބަރުން ވަޑައިގެންނެވި އެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގެންދެވީ ޖަލްސާ ކުރާ މާލަމުގައި އިހްތިޖާޖު ކުރައްވަމުންނެވެ.
ޓެކްސް ބޮޑު ކުރުމުގެ ބިލަށް ވޯޓަށް އަހަން ފުރަތަމަ ތާވަލް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށް ވިދާޅުވެ އެދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ޖަލްސާ ނިންމަވާ ލެއްވީ އެވެ.
އިއްޔެ ވެސް އެބިލަށް ވޯޓަށް އަހަން ތާވަލް ކުރިކަމަށް މަޖިލީހުގެ އިދާރީ ބޭފުޅުން ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ޖަލްސާ ނިންމަވާލެއްވީ ޓެކްސް ބިލްގެ ބަހުސް އަދި ނުނިމޭ ކަމަށް ވިދާޅުވެފަ އެވެ. އިއްޔެގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުން ވަނީ މުލިއާގޭގައި ރައީސް ސޯލިހާއި ބައްދަލުކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޯލިހަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެފަދަ ވޯޓެއް ނެގުމަށް ރައީސް ސޯލިހު ތާއީދެއް ނުކުރެއްވި އެވެ.