އެމްސްޓަޑަމް (17 ނޮވެމްބަރު) - މީގެ އަށް އަހަރު ކުރިން ޔޫކްރެއިންގެ ވައިގެ ސަރަހައްދުން ގެއްލުނު މެލޭޝިއާ އެއާލައިންސްގެ އެމްއެޗް 17 މަތިންދާބޯޓު ވައްޓާލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކަަށް ހުކުމް ކުރަން ތާވަލު ކޮށްފި އެވެ.

ނެދަލެންޑްސްގެ ކޯޓެއްގައި ކުރިއަށްދާ މި މައްސަލައިގެ ދައުވާ ލިބޭ އެންމެންނަށް އުމުރު ދުވަހުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭއިރު އެ އެންމެންނަށް ވެސް ރަޝިއާއިން ހިމާޔަތް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދައުވާކުރާ ވަކީލުން ބުނާ ގޮތުގައި ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކީ ރަޝިއާގެ އިންޓަލިޖެންސްގައި މަސައްކަތް ކޮށްފައިވާ މީހުންނެވެ. އަދި ހަތަރުވަނަ މީހާއަކީ ޔޫކްރެއިންގެ ވަކިވެގަންނަން މަސައްކަތްކުރާ ސަރުކާރުގެ އިސް ލީޑަރެކެވެ.

ދެހާސް ސާދަވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ޔޫކްރެއިންގެ ވައިގެ ސަރަހައްދުން ވީނުވީއެއް ނޭނގި އެމްއެޗް 17 ގެއްލުނުއިރު އެ ސަރަހައްދަކީ ރަޝިއާ އާއި ޔޫކްރެއިން އަސްކަރިއްޔާއާ ދެމެދު ހަމަލާ ބަދަލު ކުރެވެމުން ދިޔަ ސަރަހައްދެކެވެ.

ބުނެވޭ ގޮތުގައި އެމްއެޗް 17އަށް އަމާޒުވި ހަމަލާއަކީ ޔޫކްރެއިންގެ ފައިޓާ ޖެޓަކަށް ރަޝިއާއިން ފޮނުވާލި ހަމަލާއެއް އަމާޒުން ކައްސާލައިގެން އެ މަތިންދާބޯޓަށް އަމާޒުވި ހަމަލާ އެކެވެ.

އެހެން ނަމަވެސް އެމްއެޗް 17 ވައްޓާލުމުގައި ރަޝިއާގެ އަތެއްވާ ކަމަށް ކުރެވޭ ތުހުމަތު ތަކަށް އެގައުމުން ދެކޮޅު ހަދާއިރު ޔޫކުރެއިންގައި އެ ދުވަސްވަރު ރަޝިއާގެ ސިފައިން ނުތިބޭނެ ކަމަށް ވެސް އެގައުމުން ބުނެ އެވެ.

އެމްސްޓަޑަމްއިން ފުރައިގެން ކުއަލަ ލަމްޕޫރަށް ދަތުރު ކުރަމުން ދިޔަ އެމްއެޗް 17ގައި ފަސިންޖަރުންނާއި ކްރޫއިންނާއެކު 298 މީހުން ތިބިއިރު އެ އެންމެން ވެސް ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. އޭގެ ތެެރެއިން ގިނައީ ނެދަލޭންޑްސްއަށް ނިސްބަތްވާ މީހުންނެވެ.

މި ޝަރީއަތް ނެދަލެންޑްސް ގަޑިން މިއަދު މެންދުރު 1:00 ގައި ފަށަން ހަމަޖެހިފައިވާއިރު ޝަރީއަތް ކުރިއަށް ދާނީ ހައި ސެކިއުރިޓީއާ އެކު ކަމަށް ރިޕޯޓުތައް ބުނެ އެވެ.