ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާ ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ތާވަލުކުރި އަޑުއެހުން މެންދުރަށް ފަސްކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި އަޑުއެހުން ފެށިއިރު އަޑުއެހުމަށް ހާޒިރުވެވަޑައިގެންފައިވަނީ ރައީސް ޔާމީން އެކަންޏެވެ. އެ މަނިކުފާނާއެކު މި މައްސަލާގައި ދައުވާކޮށްފައިވާ ޔޫސުފް ނައީމު އަޑުއެހުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
މި މައްސަލާގައި މިއަދު 9:30 އަށް ތާވަލުކޮށްފައި އޮތީ، ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ހެކިބަސް ނެގުން ވަކިވަކިން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ދައުލަތާއި، ދައުވާ ލިބޭ ފަރާތުން ވެސް ވަނީ މިއަޑުއެހުމަކީ އެއް މައްސަލައެއްގައި އެއް ވާހަކަތަކެއް އެކުލެވޭ މައްސަލައަކަށް ވުމުން ދައުވާ ރައްދުވާ ދެބޭފުޅުންގެ ޝަރީއަތް ވެސް އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް އަޑުއެހުން ފަސް ކުރުމަށް އެދިވަޑައިގެންފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ މިމައްސަލާގައި ޝާމިލްވާ ދެބޭފުޅުންގެ ޝަރީއަތް އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަށް މިއަދު 1:00 ޖަހާއިރަށް ތާވަލުކޮށްފަ އެވެ.
އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާގައި ބުނެފައި ވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވި ކަމަށެވެ.
އެ މައްސަލައިގެ ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅައި ނިންމައިފަ އެވެ. މިހާރު ކުރިއަށްދަނީ ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ. އެންމެ ފަހުން ބޭއްވި ދެ ޝަރީއަތުގައި ވެސް ވަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގައިފަ އެވެ.