ފިލްމީ ދާއިރާގައި 35 އަހަރު ދޭހަކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހަށް ފިލްމުގައި އެކްޓިން ނުކުރުމަށް ނިންމާފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން ބުނެފި އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އެކްޓަރު އާމިރު ހާން ބުނީ ފިލްމެއްގައި މަސައްކަތް ކުރާ އިރު މުޅި މީހާ އެކަމުގެ ތެރެއަށް ގެއްލެނީ ކަމަށާއި އަމިއްލަ ނަފްސާއި އޭނާގެ އާއިލާ މަތިން ވެސް ހަނދާން ނެތޭ ކަމަށެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގު ޗައްދާ" އަށް ފަހު "ޗެމްޕިއަންސް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށާއި އެ ފިލްމުގެ ސްކްރިޕްޓާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް އާމިރު ބުންޏެވެ. އެކަމަކު އެ ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށާއި ބަދަލުގައި އޭގައި ހިއްސާވާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ކަމަށް އާމިރު ބުންޏެވެ

"އެކަމަކު އަހަރެން ނިންމީ އިހަށް އެކްޓިންއާ ދުރުވެލަން. އަހަރެންގެ އާއިލާ އަށް، އަހަރެންގެ މަންމަ އަށް، އަހަރެންގެ ދަރިންނަށް ވަގުތު ހުސްކުރަން،" އޭނާ ބުންޏެވެ.

"ތާރޭ ޒަމީން ޕަރް" އަދި "3 އިޑިއަޓްސް" ފަދަ ފިލްމުތަކުން ފެނުނު އާމިރު ބުނީ އޭނާގެ ހަޔާތުގެ 35 އަހަރު ހަމައެކަނި ފިލްމީ މަސައްކަތްތަކަށް ހުސްކުރުމަކީ އޭނާގެ އާއިލާ އަށް ވެވުނު ބޭއިންސާފެއް ކަމަށެވެ. މިއީ އެ މީހުންނަށްޓަކައި ވަގުތު ހުސްކުރަން ބޭނުންވާ ދަނޑިވަޅު ކަމަށް ވެސް އާމިރު ބުންޏެވެ.

"ދޮޅު އަަރެއްހާ ދުވަހު އެކްޓިންއާ ދުރުވެލަން ބޭނުން ވަނީ. އޭރުން އަހަންނަށް އާއިލާ އަށް ވަގުތު ދެވޭނެ. އެއީ މި ވަގުތަށް އަހަންނަށް ވަރަށް މުހިއްމުވެފައި އޮތް ކަމެއް،" އާމިރު ބުންޏެވެ.

އާމިރުގެ ކައިވެނި ރޫޅިފައިވާއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ.

ދޮޅު އަހަރަށް އާމިރު އެކްޓިންއާ ދުރަށް ޖެހިލާ އިރު، އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" ގެ ހާއްސަ ފެނިލުމަކުން އާމިރު ފެންނާނެ އެވެ.

އޮގަސްޓް މަހު ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" ބޮޑުތަނުން ފްލޮޕްވުމާ އެކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އޭނަ އަށް އަމާޒުވި އެވެ.