ސޮސެޖާއި ލަންޗިއޮން މީޓް ފަދަ ތައްޔާރީ މަހުގެ ބާވަތްތަކަކީ ދިވެހިންގެ ތެރޭގައި ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލް ބާވަތްތަކެވެ. އެހެން ނަމަވެސް ރަހަ މީރު މި ބާވަތްތަކަކީ ސިއްހަތަށް ވަރަށް ނުރައްކާ ބާވަތްތަކެކެވެ.
ޑަބްލިޔުއެޗްއޯއިން 2015 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދުވާލަކު ތައްޔާރީ މަހުގެ 50 ގްރާމް ކާ މީހާއަށް ކެންސަރު ޖެހުމުގެ ފުރުސަތު 18 ޕަސެންޓް އިތުރުވެ އެވެ.
ގެރިމަސް ފަދަ އެއްގަމު މަހުގެ ރަތް ބާވަތްތަކުން ވެސް ކެންސަރަށް މަގުފަހި ކުރުވާ ކަމަށާއި އެކަމަކު މި ހޯދުމަށް އަދި އެކަށީގެންވާ ވަރުގަދަ ހެއްކެއް ލިބިފައި ނުވާ ކަމަށް މި ރިޕޯޓް ބުނެ އެވެ.
އޭގެ އިތުރުން ސައިންސްވެރިންގެ ހޯދުމަކުން އެނގުނު ގޮތުގައި މިކަހަލަ ތައްޔާރީ މަހުގެ ބާވަތަކުގައި އެކުލެވޭ ނައިޓްރޭޓްސްއަކީ ނޭވާލާ ނިޒާމުގެ ބަލިތަކަށް މަގުފަހިކޮށްދޭ މާއްދާ ތެކެވެ.
ތައްޔާރީ މަހުގެ ގޮތުގައި ބެލެވޭނީ ގުދުރަތީ މަހުގެ ބާވަތްތަކަށް ބައެއްކަހަލަ ރަހަތަކާއި ލޮނު ފަދަ ބާވަތްތައް އެއްކޮށް މޮޑެފައި ކޮށްފައި ހުންނަ މަހުގެ ބާވަތް ތަކެވެ. މިގޮތަށް އުފައްދާ ބާވަތްތައް ގިނަ ދުވަހު ނުބައި ނުވެ ހުންނާނެ ގޮތް ހެދުމަށް ބައެއް ކަހަލަ ކެމިކަލް ބޭނުން ކުރެ އެވެ.
އެހެން ކަމުން މިފަދަ ބާވަތްތަކުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި މޭވާއާއި ތަރުކާރީ ބޭނުން ކުރަން އާދަ ކުރަން ޖެހެ އެވެ.