ވޮޝިންޓަން (15 ޑިސެމްބަރު ) - މިސައިލުން ދިފާއުކޮށްދޭ ރަޝިޔާގެ ޑިފެންސް ސިސްޓަމް ގަތް މައްސަލާގައި އެމެރިކާއިން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވިގޮތުގައި ރަޝިޔާގެ މިސައިލް ޑިފެންސް ސިސްޓަމް ގަނެފި ނަމަ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަމުގެ ސަބަބުން ނުރައްކާވާނެކަން ވަރަށް ގިނަ ފަހަރު ތުރުކީގެ އިސް އޮފިޝަލުންނަށް އަންގާފައިވާނެ އެވެ. އަދި މިކަމަކީ އަޅާނުލައި ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީގެ އަސްކަރީ ބޭނުންތަކާއި ގުޅޭ ނޭޓޯއިން ގަބޫލުކުރާ އެހެން ޑިފެންސް ސިސްޓަމް ލިބެންހުއްޓައި ތުރުކީ އިން ބޭނުންވީ ރަޝިޔާގެ ޑިފެންސް ސިސްޓަމް ގަންނަން ކަމަށާއި މިއީ ނޭޓޯގެ މެމްބަރު ގައުމަކަށްވެ ހުރެ ނޭޓޯގެ އަސާސްތަކާ ހިލާފްވުން ކަމަށް ޕޮމްޕޭއޯ ވިދާޅުވި އެވެ.

ޕޮމްޕޭއޯ އިތުރަށް ވިދާޅުވިގޮތުގައި ތުރުކީއަކީ ސަރަހައްދުގެ މުހިއްމު ބައިވެރިއެއް ކަމަށާއި، އެމެރިކާ އާއި ތުރުކީއާ ދެމެދު އޮތީ ވަރަށް ޒަމާންވީ ގުޅުމެކެވެ. އަދި މި ގުޅުމަށް ބުރޫއަރާނެ ފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަށް ކުށްވެރިކޮށްފައި އެވެ. އަދި އެމެރިކާއިން ގެންގުޅޭ ވިސްނުމަކީ ތާކުންތާކުޖެހޭ ވިސްނުމެއް ނޫން ކަމަށާއި ތުރުކީއިން އަމިއްލަ ދިފާއުގައިކުރާ ކަމަކުން ނޭޓޯއަށް އަދި އެމެރިކާއަށް ވެސް އެކަމުގެ ބިރެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީން އަބަދުވެސް އެމެރިކާއާ މެދު އޮންނަ ގުޅުން ބާއްވަން އެދޭ ކަމަށާއި ވާހަކަ ދައްކައިގެން ކަންކަމުގެ ހައްލު ހޯދުމަށް ގޮވާލާ ކަމަށެވެ.

ދަތިކުރުމުގެ ފިޔަޅަތުތަށް އަޅާފައިވަނީ ތުރުކީގެ މިލިޓަރީ ޕްރޮކިއުމަންޓް އެޖެންސީ އަށާއި، އެތަނުގެ ވެރިޔާ އިސްމާއިލް ދާމިރު އަދި އިތުރު ތިން އިސް އޮފިޝަލުންނަށެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެމެރިކާގައި ހުރި އެމީހުންގެ ހުރިހާ މުދަލެއް ހިފެއްޓޭނެ އެވެ. އަދި އެމެރިކާއަށް ދަތުރުކުރުން މަނާކުރުމާއި ޑިފެންސް އެޖެންސީ އާއި ވިޔަފާރި ގުޅުން ހިންގުމާއި، ލޯނާއި ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަން މަނާކުރެވޭނެ އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅާ ގުޅިގެން ރަޝިޔާއިން ވެސް ވަނީ އެމެރިކާއަށް ފާޑުކިޔާފަ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސެރްގޭ ލަވްރޯވް ވިދާޅުވިގޮތުގައި މިކަމުން ދައްކައިދެނީ އެމެރިކާގެ ބޮޑާކަމާއި ގޮތެއް ނެތްކަމެވެ. އަދި މިއީ ޒަމާނުއްސުރެ އެމެރިކާއިން ގެންގުޅޭ ފަލްސަފާ ކަމާއި، އިންޓަނޭޝަނަލް ގާނޫންތަކަށް އެމެރިކާއިން އިޙްތިރާމް ނުކުރާކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. – ފްރާންސް 24