ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 24 ށް ކުރިއަށްދާ މި ކޭމްޕުގައި އާތުރޮސްކޯޕިކް ސާޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިއަށްދާނެ އެވެ.

ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެންނެވެ. މިގޮތުން އައިޖީއެމްއެޗް ގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކަށީގެ ޑޮކްޓަރު، އަދި ނޭޝަނަލް ހެލްތު ކެއަރ އެކަޑަމީގެ ވައިސް ޑީން ކަން ވެސް ކުރައްވާ، ސީނިއަރ ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ހުސައިން ޝަކީލް އިސްވެ ކުރައްވާ މި އޮޕަރޭޝަންތަކުގައި، އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ، ޑރ. އަސްޢަދް މުޙައްމަދު ޝަހީދު އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަށީގެ ޚާއްސަ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. އަލީ މަފާޒް ރަޝީދު ބައިވެރިވެލައްވާނެއެވެ.

އާތުރޮސްކޯޕިކް ސާރޖަރީ ކޭމްޕުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދީ، ކާމިޔާބު ކަމާއެކު މި ކޭމްޕު ކުރިއަށް ގެންގޮސް ނިންމާލުމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓުން ކަމުގައިވާ ޑރ. ގޮޑާ، ޑރ. އަދްލީ އަދި ޑރ. ޕަރާޝްގެ އިތުރުން، ނަރުހުންގެ ޓީމް އަދި ގުޅުންހުރި ފަރާތްތަކުން ދަނީ ކުރިއަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ބޭނުންވާ އާލާތްތައް ހަމަކޮށް، އޮޕަރޭޝަން ކުރެވޭނެ ފަރާތްތައް މިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި ކޭމްޕުގައި ކުރެވޭ އޮޕަރޭޝަންތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމް އަމަލީ ގޮތުން ހަރަކާތްތެރިވާނެ އެވެ.

މިމަހުގެ 6 ން 9 ށް ގެންދެވުނު ލެޕަރޮސްކޯޕިކް ސާރޖަރީއާއި އެއްގޮތް ކަމެއް ހުންނަ އާތުރޮސްކޯޕިކް ސާރޖަރީއަކީ ވެސް ކީހޯލް ސާރޖަރީ ނުވަތަ ކެމެރާގެ ޒަރީއާއިން ބަލައިގެން ކުދި ކެފުންތަކަކާއި އެކު ކުރެވޭ އޮޕަރޭޝަނުގެ ވައްތަރެކެވެ. ލެޕަރޮސްކޯޕިކް ސާރޖަރީތައް ހަށިގަނޑުގެ ކެވެޓީތަކަށް ހާއްސަވެފައި ވާއިރު، އާރތުރޮސްކޯޕިކް ސާރޖަރީއަކީ ހުޅުތަކުގެ އޮޕަރޭޝަންތަކެކެވެ. މިގޮތުން ކުޅިވަރު ކުޅުމުގައި ހުޅުތަކަށް ލިބިފައި ހުންނަ އަނިޔާތައް (ސްޕޯރޓްސް އިންޖަރީސްތައް)، އާރތުރޮސްކޯޕިކް ސާރޖަރީ މެދުވެރިކޮށް ރަނގަޅު ކުރެވި ކަސްރަތުގެ އެހީގައި އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އެހީތެރި ވެދެއެވެ. މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ޝަކީލަކީ މިފަދަ އެތައް ކުޅުންތެރިންނެއް ކުޅިވަރަށް ރުޖޫޢަކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

މި ކޭމްޕުގައި ކަކުލުހުޅުގެ އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އޮޕަރޭޝަނަށްފަހު ހޭދަވާ މުއްދަތަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމުގައި ޑޮކްޓަރު ފާހަގަ ކުރައްވައެވެ. މިގޮތުން ފުރަތަމަ ހަ މަސްދުވަހުގެ މުހިންމުކަން ހާއްސަކޮށް ފާހަގަ ކުރައްވަމުން ދެންނެވީ، ފުރަތަމަ 3 މަހާއި ބައި، ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާރޓްމެންޓުން ފަރުވާ ހޯދަންވާނެ ކަމަށެވެ. އަދި އޭގެފަހުން، ކަމުގެ މާހިރުންގެ ލަފަޔާއެކު ކަސްރަތު ކުރިޔަށް ގެންދަންވާނެ ކަމަށެވެ. މިގޮތުން ފީނުން އަދި މޫދުގައި ކުރެވޭ ކަސްރަތުތަކުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވި އެވެ.

ހުޅުތަކުގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ އެތައް ބަޔަކު މި ސަރަހައްދުގައި ތިބުމާއެކު، މިފަދަ އިތުރު ކޭމްޕުތައް މާދުރުނޫން މުސްތަޤްބަލެއްގައި ބޭއްވުމަކީ ހޮސްޕިޓަލުގެ އަމާޒެކެވެ. މިގޮތުން މިކަމުގެ ނީޑް އެނަލިސިސް އެއް ހަދާލުމަށް، ކުރީގެ މެޑިކަލް ރެކޯރޑްތައް ބެލުމުގެ އިތުރުން، ކޭމްޕު އިޢުލާންކޮށް ހޭދަވި 17 ގަޑިއިރެއްހާ އިރުގެ ތެރޭގައި ޖުމްލަ 56 ފަރާތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ނަންނޯޓް ކޮށްފައިވެއެވެ. މިފަހަރުގެ ކޭމްޕުގައި ޖުމްލަ 3 ދުވަހުގެ ތެރޭގައި 9 އޮޕަރޭޝަން ކުރުމަށް ވަނީ ރޭވިފައެވެ. އަދި ވަގުތު ތަންދޭނަމަ އިތުރު އޮޕަރޭޝަންތައް ކުރެވޭނެއެވެ. މި ޚިދުމަތަކީ ރައްޔިތުން ނުހަނު ބޭނުންވެފައި ޚިދުމަތެއް ކަމުން، މިފަދަ ކޭމްޕުތައް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ކުރެވިގެންދާނެ އެވެ. މިފަދަ އޮޕަރޭޝަންތައް ކުރުމަށް މިވަގުތު އޮތް އެންމެ ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. މިގޮތުން އޮޕަރޭޝަން ތިއޭޓަރުތައް މަދުވުން އަދި ރިހެބިލިޓޭޝަން ނުވަތަ ފިޒިއޮތެރަޕީ ފަރުވާ ދިނުމަށް އޮތް ޖާގައިގެ ދަތިކަން ފާހަގަކޮށްލެވެ އެވެ.

ކޭއާރްއެޗްގައި ހުޅުގެ އޮޕަރޭޝަނެއް ކުރަނީ ---

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލުތައް ބާރުވެރިކޮށް، ޞިއްޙީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށް ކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ޚިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. މިގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމްއާރުއައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ޚިދުމަތްތައް ފެށި، ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ މެޝިނަރީއާއި އާލާތްތައް އިތުރުކުރެވި، މި ހޮސްޕިޓަލުގައި ކުރެވޭ ކަށީގެ އަދި ޓްރޯމާ އޮޕަރޭޝަންތައް އިތުރުވެގެން ދިއުންވާނީ، މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެދާންޖެހޭ ފަރާތްތަކަށް މާލީ ގޮތުން ލިބޭ ބޮޑު ލުޔަކަށެވެ. އަދި އާއިލާގެ ގިނަ ބަޔަކު ކައިރީގައި ތިބެ މިފަދަ ޚިދުމަތްތައް ލިބެން ފެށުމަކީ އާންމު ރައްޔިތު މީހާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.