ދޯހާ (22 ނޮވެމްބަރު) – ވޯލްޑް ކަޕްގެ ގުރޫޕް ޑީގައި މިރޭ ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ގިނަ ތަރިންތަކެއް ހިމެނުނު ނަމަވެސް، މިރޭ ޓިއުނީޝިއާ ދެކޮޅަށް ކުޅެން ޑެންމާކަށް އުނދަގޫތައް ކުރިމަތިވި އެވެ.
މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަނެއްކޮޅު ދެ ޓީމުން ވެސް ޖެހި ދެ ލަނޑެއް ބަލައިނުގަތީ އޮފްސައިޑްވުމުންނެވެ.
މެޗުގެ އިތުރު ވަގުތުގައި ޓިއުނީޝިއާގެ ޑިފެންޑަރު ޔާސީން މެރިޔާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ޝައްކުކުރެވިގެން، ރެފްރީ ސެޒާ ރާމޮސް ވަނީ ވީއޭއާރް މޮނިޓަރގެ ބޭނުން ހިފައިފައެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ޔޫރޯ 2020ގައި ދިމާވި ހިތުގެ މައްސަލައަކުން ރިކަވާވި، ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކަސް ވަނީ މިރޭގެ މެޗުގައި ކުޅެފައެވެ. މިއީ އެ ހާދިސާ އަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއްގައި އެރިކްސަން ކުޅުނު ފުރަތަމަ ފަހަރެވެ.
މި ގުރޫޕްގައި މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއެވެ. -- އޭއެފްޕީ