ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓޮމް ހޮލަންޑާއި ޒެންޑާޔާ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓޮމް އާއި ޒެންޑާޔާ ކައިވެނިކުރުމަށް ނިންމާފައިވަނީ އެ ދެ ފަންނާނުން ރައްޓެހިވެގެން އުޅޭތާ އަހަރެއް ފަހުންނެވެ.
މި ދެ ފާންނާނުންގެ ގުޅުން ބަދަހިވީ "ސްޕައިޑަ މޭން ފްރެންޗައިޒް" ފިލްމުތަކުގައި އެކުގައި މަސައްކަތް ކުރުމުގެ ތެރޭގައި އެވެ.
މީޑިއާތަކުން ބުނީ ދެ ތަރިން މިހާރު އެ މީހުންނާ ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށާއި އެހެންވެ މިހާރު ވެސް ކައިވެނީގެ ޕްލޭންތައް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ދެ ތަރިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އުމުރުން 26 އަހަރުގެ ޓޮމް އާއި އުމުރުން 26 އަހަރުގެ ޒެންޑާޔާ ވަނީ "ސްޕައިޑަ-މޭން" ގެ ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އާއި 2019 ގެ "ފާ ފްރޮމް ހޯމް" ގެ އިތުރުން 2017 ގެ "ހޯމްކަމިން" އެވެ.
އަރަމުން އަންނަ އެމެރިކާގެ ބަތަލާ ޒެންޑާޔާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޗެލެންޖާސް" އާއި "ޑޫން: ޕާޓް ޓޫ" ހިމެނެ އެވެ. މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން "އަންޗާޓާޑް" ގެ އިނގިރޭސި ބަތަލު ޓޮމްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ އެމެރިކާގެ ކުރީގެ ފަންނާނު ފްރެޑް އެސްޓެއާގެ ބައޮގްރަފިކަލް ޑްރާމާ އެވެ.