މާލެ ސިޓީގެ މުވައްޒަފުންނަކީ މާލެ ސިޓީގައި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގަ ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއް ނެތި ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުން އަންނަ ހާދިމުންތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ "ސްޓާފް ނައިޓް"ގައި މުވައްޒަފުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތިބޭފުޅުންނަކީ ހަމައެކަނި މުވައްޒަފުންތަކެއް ނޫން. ހަގީގަތުގައި ތިބޭފުޅުންނަކީ ވަރުގަދަ ފަހުލަވާނުންތަކެއް،" ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތަށް ތައުރީފް ކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.

މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށާއި ފުރަތަމަ ފަހަރަށް މިފަދަ ހަފުލާއެއް ބޭއްވުމަށް ނިންމެވީ މިކަން ގަބޫލު ކުރައްވާތީ ކަމަށާއި، މުވައްޒަފުންނާ އެކު މިފަދަ ހަފުލާއެއް ބޭވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ މޭޔަރާއި ހުރިހާ ކައުންސިލަރުންގެ ނަމުގައި މޭޔަރު މުޢިއްޒު ވަނީ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ.