އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އެހީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފި އެވެ.

އެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އުއްޗު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އިމާރާތުގެ ބިންގާ އެޅުމަށް މާފިފިލާފުށީގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ އުއްޗުއަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެ އުމްރާނީ ތަރައްގީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް އުއްޗު، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި އޭނާ އަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ޅ. މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނިންމަވާފައި ވަނީ އުއްޗުގެ ދީލަތި އެހީތެރިކަމާއެކު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ ހަ ކޮޓަރި އެވެ.

މާފިލާފުށީގައި ސިފައިންނަށް ހަދާ އެގްޒެކްޓިވް ބްލޮކްގެ ބިންގާ އުއްޗު އާއި މިނިސްޓަރު މާރިޔާ އަޅުއްވަނީ. ފޮޓޯ: އެމްއެންޑީއެފް

މި އިމާރާތުގެ ބިންގާއެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން އުއްޗު އާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރު ކާނަލް އިސްމާޢީލް ޝަރީފް ބައިވެރިވި އެވެ.