އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފި އެވެ.
އަހްލާގީ މައްސަލަތަކެއްގައި ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒު ވެފައިވާ ކަންޔޭ ވެސްޓު ވަނީ ޓްވީޓާގައި އޭނާގެ ކެމްޕޭން ލޯގޯ ވެސް އާންމުކޮށްފަ އެވެ. އޭގެ އިތުރުން "ޔޭ 24" ގެ ކެޕްޝަން ވެސް އާންމުކޮށްފަ އެވެ.
މަޝްހޫރު ރިއަލިޓީ ޝޯ ތަރި، ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާ ކަންޔޭގެ މިހާރުގެ ރަސްމީ ނަމަކީ "ޔޭ" އެވެ. އެ ނަން ރަޖިސްޓްރީކުރީ މިދިޔަ އަހަރު އެވެ.
ކަންޔޭ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރި އިރު، ނަސްލީ ގޮތުން އޭނަ މި ފަހުން ފާޅުކޮށްފައިވާ ބައެއް ޝުއޫރުތަކާ ހެދި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. މިކަމާ ހެދި ކަންޔޭއާ އެކީ ވިޔަފާރީގެ ޕާޓްނަޝިޕް ހަދާފައިވާ ގިނަ ކުންފުނިތައް މިހާރު ވަނީ އޭނައާ އޮތް ގުޅުން ކަނޑާލައިފަ އެވެ.
މިކަމާ ގުޅިގެން އޭނަ އަށް ވަނީ ބިލިއަނަރެއްގެ މަގާމު ވެސް ގެއްލިފަ އެވެ.
ކާންޔޭ ވެސްޓް ވަނީ 2020 ވަނަ އަހަރުވެސް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ. ނަމަވެސް ކާންޔޭއަށް ލިބުނީ 70،000 ވޯޓެވެ.