ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއްޔެ އާންމުކުރި ލިސްޓުގައި ހިޔާ ފުލެޓްތަކުން ފްލެޓް ދޫކޮށްލި މީހުންނާއި، ގުޅިފަޅުންނާއި އަދި ސީލައިފް އިން ފްލެޓް ގަނެފައިވާ މީހުންގެ ތެރެއިން ވިނަރެސް މަޝްރޫއިން ފްލެޓް ދޭން ނިންމި އެއްވެސް މީހެއްގެ ނަމެއް މި ލިސްޓުގައި ނުހިމެނޭނެ ކަމަށް ބުނެފި އެވެ.

އެޗްޑީސީން އިއްޔެ އާއްމުކުރި ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލައި އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ވަނީ ހިޔާ ފުލެޓުތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފަ އެވެ. އަދި ގުޅިފަޅުން ނާއި ސީލައިފް ޕްރޮޖެކްޓުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފްލެޓް ހިޔާރުކުރުމުގެ ފުރުސަތު ދީފަ އެވެ. އަލަށް އާންމުކުރި ލިސްޓުގައި އެއިން އެއްވެސް ފަރާތްތަކެއްގެ ނަމެއް ނުހިމެނޭ ކަމަށް އެޗްޑީސީން ބުނެ އެވެ.

މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއިން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރައްވެހިންނަށް ހާއްސަ ކޮށްފަ އެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެންނެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ފްލެޓަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އިންތިޒާމެއް ކަނޑައަޅާފަ އެވެ. މިއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފްލެޓް ދިނުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތަކެކެވެ.

ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށާއި އަންނަ އޭޕްރިލް މަހަށް އެ ފްލެޓްތަކުގެ މަސައްކަތް ނިމޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.