ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރަި ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރުމަށް އެކުލަވާލި ބިލު ރައްޔިޔުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލު މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒެވެ. މަޖިލީހުގެ ގައުމީ ތަރިކަ އާއި ތަރައްގީގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމެޓީ ގުޅިގެން ދިރާސާކޮށް، ތަޅުމަށް ފޮނުވާފައި އެ ބިލު މިއަދު ފާސްކުރީ 52 މެމްބަރުންގެ ތާއިދާ އެކު އެވެ.

އަލަށް ފާސްކުރި ބިލުގައިވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެކެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ބިލުގައި ވެ އެވެ. އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލު އެންމެ ފުރަތަމަ ކޮމިޓީ އަށް ހުށަހެޅިއިރު އޮތީ ހަފުތާއެއްގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ 10،000ރ. އިން ޖުރިމަނާކުރާ ގޮތަށެވެ. ނަމަވެސް، ކޮމެޓީގައި މަޝްވަރާކުރުމަށް ފަހު ނިންމީ ޖޫރިމަނާކުރާނީ އެ ހާލަތް މެދުވެރިވި ސަބަބަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިނުކުރެއްވިއްޖެ ހާލަތެއްގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ސޮއިނުކުރެވިއްޖެ ހާލަތެއްގައި ބެލެނިވެރިޔަކަށް ސޮއިކުރެވޭ ގޮތަށް ވެސް ހަދަން ނިންމައި އެ ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގެ ތަފުސީލު

• ރަށް ނުވަތަ ސިޓީ ކައުންސިލުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފުތަރެއް ބެލެހެއްޓުން.

• ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މަރު ސާބިތުކުރުމަށް ފަހު، މަރުވި މިހާގެ ވާރިސުން އެކަން ލަސްނުކޮށް ކައުންސިލަށް އެންގުން.

• ފޫޅުމާ ފޯމު، އުފަންދުވަހުގެ ސެޓްފިކެޓް، މަރު ފޯމް އަދި އައިޑީކާޑަށް ސައްހަަ ނޫން ބަދަލެއް ގެނެސްފި ނަމަ، އާންމު މީހަކު 10،000ރ. އާއި 15،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

• އެފަދަ އަމަލެއް ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.