ވޭޕް ކުރުމަކީ ދިވެހިންގެ މެދުގައި ވެސް މިހާރު އާއްމުވެފައިވާ އާދަ އެކެވެ. ޑޮކްޓަރުންގެ އިންޒާރުތަކާ އެކުވެސް ގިނަ ބަޔަކު މިކަން ކުރަނީ ފެޝަނަކަށް ހަދައިގެންނެވެ. ނޫނީ ސިނގިރޭޓު ބުއިމުގެ ބަަދަލުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ.
ވޭޕް ބުއިމުގެ ސަބަބުން އަހަރުމެންގެ މި މުޖުތަމައުގައި ވެސް ގިނަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެންމެ ފަހުން އިއްޔެ ވެސް ވަނީ ވޭޕް ކުރި ޒުވާނެއްގެ ފުއްޕާމޭ ފަޅައިގެން ދިއުމުގެ ހާދިސާއެއް ރިޕޯޓު ކުރެވިފަ އެވެ.
ތެދެކެވެ. އާދައިގެ ސިނގިރޭޓަށް ވުރެން ވޭޕް ކުރުމުގެ ސިއްހީ ގެއްލުން ނިސްބަތުން ކުޑަކަމަށް ސައިންސް ވެރިން ވެސް އެއްބަސްވެ އެވެ. ސަބަބަކީ އާދައިގެ ސިނގިރޭޓްގައި އެކުލެވޭ ވިހަ މާއްދާއެއް ކަމަށްވާ ޓޮބޭކޯ އީ-ސިނގިރޭޓުގައި ނުހިމެނުމެވެ. އެހެން ނަމަވެސް ވޭޕް ކުރުމަކީ ވެސް ދިގު މުއްދަތުގައި ގެއްލުން ކުރުވާ ކަމެކެވެ.
އެގޮތުން ވޭޕުގައި ބޭނުންކުރާ ކެމިކަލް ފުލޭވާ ލިކުއިޑްގެ ސަބަބުން ހާޓް އެޓޭކް އަދި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދިރާސާތަކުން ވަނީ މީގެ ކުރިން ވެސް ދައްކާފަ އެވެ.
ހަމައެއާއެކު ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭއަށް ލޭ ފޮނުވައިދޭ ހޮޅިތައް ބެދި ފުއްޕާމޭގެ އެކި ބަލިތައް ޖެހުމަށް ވެސް މަގުފަހިވެ އެވެ.
ވޭޕް ކުރުމުގެ ސަބަބުން ކުރިމަތިވާ ހިތާމަވެރި ހާދިސާތައް އަހަރުމެންގެ މުޖުތަމައުން ވެސް ފެންނަމުން ދާއިރު މި ގެއްލުންހުރި އާދައާ ދުރުވާކަށް ނުވޭ ހެއްޔެވެ؟