ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފުމުގެ ދައުވާއާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
މި މައްސަލާގައި މިއަދު އޮތީ ހުލާސާ ބަޔާން އިއްވުމެވެ. މައްސަލައިގެ ހަސްމުންގެ ފަރާތުން އެންމެ ފަހު ބަޔާން އިއްވުމުން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން، ހުކުމް ކުރަން އޮންނަ މުއްދަތުގައި ހުކުމް ކުރައްވާނެ ކަމަށެވެ. ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ނަގާފައިވާ ދިފާއަކީ ޔޫސުފް ނައީމާއެކު ކުރެއްވީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ.
ދައުލަތުން ހެކީގެ ގޮތުގައި ބޭނުންކުރަނީ މައްސަލައާ ގުޅުމެއް ނެތް ވަށައިގެން ހުރި ގަރީނާތަކެއް
ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވަވަމުން ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އެ މައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ބޭނުންކުރަނީ ސާކަމްސްޓޭޝަލް އެވިޑެންސް ނުވަތަ މައްސަލައާ ގުޅުމެއް ނެތް ވަށައިގެން ހުރި ގަރީނާތަކެއް ކަމަށެވެ. އަދި އެ ގަރީނާތަކުގެ މެދުގައި ގުޅުވާލައިގެން ދައުލަތުން އުފައްދާފައިވާ ގަރީނާގެ ޗޭނެއް އެކުލަވައިލާފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ކުރާ ތުހުމަތުގެ ވާގިއާތަކާ ގުޅުމެއް ނެތް އެ ވާގިއާތަކުން ބޭރު އެތައް ކަމެއް އެއްކޮށްގެން އެކުލަވާލާފައިވާ ހީތަކުގެ ޗޭނެކެވެ. އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ހަވާލާދެއްވައި ޑރ. ޖަމީލް ވިދާޅުވީ މައްސަލައެއް ކަނޑައެޅުމުގައި ފަނޑިޔާރުން ބަލަންޖެހެނީ އެ މައްސަލައެއްގައި ތުހުމަތުކުރާ ކުށުގެ ވާގިއާތަކާ ގުޅޭ އެ ވާގިއާތައް ސާބިތުކުރާ ހެކިތަކަށް ކަމަށެވެ. ނުވަތަ އެފަދަ ހެކިތަކަށް ބާރުދޭ ގަރީނާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ކުށުގެ ވާގިއާތައް ހިނގިކަން ސާބިތުކުރަން ދައުލަތުން ހުުށަހަޅާފައިވަނީ ހަމައެކަނި ދެ ހެކިކަމަށާއި، އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުކަން ފާހަގަ ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ ދައުލަތުން މަސައްކަތްކޮށްފައި ވަނީ އެއިން އެއް ބޭފުޅެއްގެ ހެކިބަހުން އަނެއް ބޭފުޅެއްގެ ހެކިބަހަށް ބާރުދިނުމަށް ކަމަށެވެ.
އެހެން ނަމަވެސް ހެކި އުފައްދައިގެން އެކަކު އަނެކަކު ވާހަކަ ދިމާކޮށްގެން ހެކިބަސްދިނުމުގެ އިހުތިމާލު އޮތް ދެ މީހެއްގެ ހެކިބަހުން އެކަކު އަނެކަކު ދެއްކި ވާހަކައަށް ބުރަދަން ނުދެވޭނެ ކަމަށް ޑިމޮކްރެޓިކް ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާކަން މަސްދަރުތަކާ ހަވާލާދެއްވައި ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.
އެ ހުލާސާ ބަޔާން އިއްވަވަމުން ޑރ. ޖަމީލް ފާހަގަކުރެއްވީ ހެކިވެރިއެއްގެ ހެކިބަހަށް ބުރަދަން ދިނުމަށް ހުށަހަޅާ ގަރީނާވާން ވާނީ ހެކިބަހުން ސާބިތުކުރަން އުޅޭ ވާގިއާއާ ގުޅޭ ހެކިބަސް ކަމަށެވެ.
ރައީސް ޔާމީން އަދީބަށް އިރުޝާދުތަކެއް ދިންކަމަށް އަދީބު ވިދާޅުވި ނަމަވެސް އެކަން ހިނގިކަން ސާބިތުކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީން އަދީބަށް ގުޅުއްވައި އިރުޝާދެއް ދެއްވިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭގެ އިތުރަށް ޑރ. ޖަމީލް ފާހަގަކުރައްވާފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ޔޫސުފް ނައީމު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއާ ގުޅުމެއް އޮތްކަން ސާބިތުވާނެ ހެއްކަކީ އަދީބުގެ ހެކިބަސްކަމަށްވާއިރު، އަދީބަކީ ތުހުމަތުކުރެވިފައިވާ މައިގަނޑު މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ ބައިވެރިއެއް ކަމެވެ. އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު މުއްތަހަމުގެ ބަހަށް އެކަނި ބަލައިގެން ކުށް ސާބިތު ނުކުރެވޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެ މައްސަލަތަކުގައި މުއްތަހަމުން އެކަކު އަނެކަކާ ދެކޮޅަށް ދޭ ހެކިބަހަށް ބުރަދަން ދެވޭނީ މުސްތަގިއްލު ހެކިންނަށްކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭނެ މުސްތަގިއްލު ހެކިތަކެއް ދައުލަތުން ހުުށަހަޅާފައިނުވާ ކަމަށެވެ.
މި މައްސަލައަކީ ދައުލަތުގެ ނުފޫޒު ވަރަށް ބޮޑަށް ވައްދައިގެން ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ދައުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތު ނުކޮށްދެވޭނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއްވެސް މަސްލަހަތެއް އެއްވެސް ފަރާތަކާ ބާއްވައިގެން ވެސް ނުވާނެ ކަމަށެވެ. ޔޫސުފް ނައީމަކީ އެ ދުވަސްވަރު ޓޫރިޒަމަށް ރަށެއް ހޯދަން ދައުލަތާއެކު މުއާމަލާތްތަކެއް ކުރައްވަމުން ދިޔަ ބޭފުޅެއް ކަމަށްވާއިރު، އޭނާގެ އަތުން ޑޮލަރު ގަތީ އަމިއްލަ މަންފާއެއް ހޯދަން ކަމަށް ނައުފަލް ވިދާޅުވި އެވެ.
ދައުލަތުން އެދެނީ 3.4 މިލިއަން ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އަމުރު ކޮށްދިނުމަށް
ދައުލަތުގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވެފައި ވަނީ ޔާމީންގެ އެކައުންޓްގައި އޭރު އިންވެސްޓުކުރި ފައިސާގެ 87 ޕަސެންޓަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ. އެއީ މި މައްސަލައާއި، ރ. ފުއްގިރި އަދި ގއ. ވޮޑުމުލާ ބަޔަކަށް ދިނުމުގެ މުގާބިލުގައި ހޯދާފައިވާ ފައިސާ ކަމަށެވެ. އެހެންކަމުން މި މައްސަލަތަކުގައި ހިމެނޭ ޖުމްލަ 3.4 މިލިއަން ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އަމުރު ކޮށްދިނުމަށް ދައުލަތުން އެދުނެވެ.
"... އަދި ދައުލަތުން އެދެނީ ދައުވާ ސީޣާގައި ދައުލަތުން އެދިފަވާ ގޮތަށް މި މައްސަލައިގައި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ލޯންޑާކުރި އެއް މިލިއަން އެމެރިކާ ޑޮލަރާ، އެ ފައިސާއާ އެއްކޮށްފައިވާ ދެ މިލިއަން ހަތަރު ލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލާރާ މި ފައިސާ، ޖުމްލަ ތިން ލައްކަ ހަތަރު ލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިފައިވާ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްދިނުމަށް،" ޝަހުމާ ވިދާޅުވި އެވެ.