1983 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމު "މަން ވަސަނާއީ"އިން ބޮލީވުޑަށް ތައާރަފްވި އެކްޓްރެސް ރިވާތީއާއި މަޝްހޫރު އެކްޓަރު ސަލްމާން ޚާން 32 އަހަރަށްފަހު އެކުގައި އެއް ފިލްމެއްގައި މަސައްކަތް ކުރަން ނިންމައިފި އެވެ. މި ދެ ތަރިން އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 1991 ގައި ރިލީޒް ކުރި "ލަވް" އިނެވެ.

އެގޮތުން އުމުރުން 56 އަހަރުގެ ރިވާތީ ފެނިގެންދާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ސަލްމާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ގެ ރޯލަކުނެވެ. މިކަން ސަލްމާން ވަނީ ޔަގީން ކޮށްދީފަ އެވެ.

އާންމުކޮށް މިހާރު ފިލްމުތަކުގައި ސަޕޯޓުން ރޯލުތައް ކުޅޭ ރިވަތީ އަކީ އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" ގެ ޑައިރެކްޓަރެވެ.

ރިވާތީ މިހާރު ގިނައިން ފެނިގެން ދާނީ ސައުތުގެ ފިލްމްތަކުންނެވެ. ސައުތުގެ ގިނަ ތަރިންތަކެއްގެ "މަންމަ"ގެ ރޯލުން މިހާރު ވެސް ރިވަތީ ވަނީ މަގުބޫލުކަން ހޯދާފައި އެވެ.

ސަލްމާން ޚާނާއި ރިވާތީ

މި ފިލްމަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މަނީޝް ޝަރުމާ ޑައިރެކްޓްކުރާ އެއްޗެކެވެ. "ޓައިގާ 3" މިހާރު އޮތީ އެއްކޮށްހެން ޝޫޓްކޮށް ނިންމައިފަ އެވެ.

"ޓައިގާ 3" އަކީ ވައިއާރްއެފުން ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތާ ޓައިގާ" ކަބީރު ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ. މި ފްރެންޗައިޒްގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނީ އެޖެންޓުންގެ ގޮތުގައި އެވެ.