އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލިފާ އަށް އަލްބޭނިއާގެ ރަށްވެހިކަން ދީފި އެވެ.

ލަންޑަނަށް އުފަން އުމުރުން 27 އަހަރުގެ ދުއާ އަށް އަލްބޭނިއާގެ ރަށްވެހިކަން ދީފައިވާކަން ރަސްމީކޮށް ހާމަކޮށްފައިވަނީ އެގައުމުގެ ރައީސް ބަޖްރަމް ބެގާޖް ކުރެއްވި ޓްވީޓެއްގައި އެވެ.

ދުއާއަށް އަލްބޭނިއާގެ ރަށްވެހިކަން ދިން ކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްފައިވަނީވެސް އެގައުމުގެ ރައީސް އެވެ.

ދުއާ ލިފާ އަށް އެ ގައުމުގެ ރަށްވެހިކަން ދިނުމަށްފަހު އަލްބޭނިއާގެ ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަލްބޭނިއާގެ ރަށްވެހިކަން ޑުއާ އަށް ދިނުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރަކާއި އުފަލެއް ކަމަށެވެ. އަދި ދުއާ އެ ގައުމަށް ކޮށްދީފައި ވާ މަސައްކަތް ތަކަށް އަގުވަޒަން ކުރާ ކަމަށާއި ދުއާ އަކީ އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ފަންނާނެއް ކަމަށެވެ.

އަލްބޭނިއާގެ ރަށްވެހިކަން ދުއާ ލިޕާ އަށް ލިބުނީ އެގައުމު ބައިނަލްއަގުވާމީ މައިދާނުގައި ޕްރޮމޯޓް ކުރުމަށްޓަކައެވެ. އަލްބޭނިއާގެ ރަށްވެހިކަން ލިބުމާއެކު ތިން ފަހަރު ގްރެމީ އެވޯޑް ލިބިފައިވާ ދުއާ ކުރި ޓްވީޓެއްގައި ބުނީ އެގައުމުގެ ރަށްވެހިކަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އެ ގައުމުގެ ރައީސަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ދުއާ އާއި އޭނާގެ ބައްޕަ ޑުކަގްޖިން ލިފާ "ސަނީ ހިލް ފައުންޑޭޝަން" ގެ ނަމުގައި އުފެއްދި ޗެރިޓީގެ ދަށުން ދަނީ އަލްބޭނިއާގެ ފުދުންތެރިކަން ކުޑަ އާއިލާތަކަށް އެކި ގޮތްގޮތުން އެހީވަމުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ދުއާ ލިފާ ވަނީ ގިނަ އަދަދެއްގެ އެވޯޑު ވެސް ހާސިލް ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު ބޭއްވި ގްރެމީ އެވޯޑްސްގައި ލިބުނު އެންމެ މޮޅު އަލްބަމްގެ އެވޯޑުގެ އިތުރުން 2019 ވަނަ އަހަރު އެންމެ މޮޅު އާ އާޓިސްޓުގެ އެވޯޑެވެ.

ދުއާ ލީޕާގެ މައިންބަފައިންނަކީ 1992 ގައި ޕްރިސްޓީނާއިން އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރި ކޮސޯވޯ އަލްބޭނިއާ ދަރިކޮޅުގެ ދެމަފިރިންނެވެ. ދުއާގެ ބައްޕައަކީވެސް ލަވަކިޔުންތެރިއެކެވެ.