އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ޝޫޓިން ނިންމާލައިފި އެވެ.

ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ މި ފިލްމުގެ ޝޫޓިން ނިމިފައިވާކަން އިއުލާނު ކޮށްފައިވަނީ މިފިލްމުގައި ލީޑް ރޯލުން ފެނިގެންދާ ސަލްމާން ޚާން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. މި ޕޯސްޓްގައި ސަލްމާން ވަނީ މި ފިލްމުގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފް އިން ގެނެސްދޭ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަކީ އެކްޝަން، ކޮމެޑީ، ޑްރާމާ، ރޮމޭންސް އަދި ހިތްގައިމު ލަވަތަކެއް ހިމެނޭނެ ފިލްމެއްކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމުގައި ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދާނީ ޕޫޖާ ހެޖް އެވެ. އޭނާގެ އިތުރުން މި ފިލްމުގައި ހިމެނޭ އިތުރު ކާސްޓުންގެ ތެރޭގައި ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ހިމެނެ އެވެ.

މިފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 21 ގަ އެވެ.

"ކިސީ ކާ ބައި ކިސީ ކީ ޖާން" އަކީ ތަމަޅަ ޑައިރެކްޓާ އަޖިތް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ވީރަމް" ގެ ހިންދީ ރީމޭކެވެ. ސަލްމާންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކެޓްރީނާއާއެކު ފެނިގެންދާ "ޓައިގާ 3" ހިމެނެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީމަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޕަތާން"އިން ޚާއްސަ ފެނިލުމަކުން ސަލްމާން ފެނިގެންދާނެ އެވެ.