ކާބުލް (04 ޑިސެމްބަރު) އަޕްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއަށް ބަޑީގެ ހަމަލާއެއް ދީފި އެވެ.
ހުކުރު ދުވަހު ދިން މި ހަމަލާގައި އެމްބަސީގައި މަސައްކަތް ކުރަމުންދާ ސެކިއުރިޓީ ގާޑަކަށް އަނިޔާވިއިރު އިތުރު ގެއްލުމެއްގެ ރިޕޯޓު ލިބިފައެއް ނުވެ އެވެ.
ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ. އެ ޖަމާއަތުން ބުނެފައިވަނީ ހަމަލާ އަމާޒުކުރީ ޕާކިސްތާނުގެ ހައި ކޮމިޝަނަރާއި އޭނާގެ ގާޑުންނަށް ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މި ހަމަލާއަކީ ގަސްދުގައި މީހަކު މަރާލަަން ދިން ހަމަލާއެއް ކަމަށް ބުނެ އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.
ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހަކު ބައެއް ހަތިޔާރުތަކާއެކު ހައްޔަރު ކުރެވިފައިވާއިރު ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ.
ރަސްމީ ގޮތުން އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތް ބަލައިނުގަތް ނަމަވެސް ޕާކިސްތާނުން ވަނީ މިދިޔަ އަހަރު އެ ޖަމާއަތުން ވެރިކަމަށް އެރުމަށްފަހު ވެސް އަފްޣާނިސްތާނާއެކު އޮތް ގުޅުންތައް ދަމަހައްޓާފަ އެވެ.
މި ހަމަލާއާ ގުޅޭގޮތުން އަފްޣާނިސްތާނުގެ ފރިން މިނިސްޓްރީ އިން ބުނީ ހައި ކޮމިޝަނަރު އަވަހާރަކޮށްލަން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ވެރިކަމަށް އައުމަށްފަހު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ފަސްގަނޑުގައި އައިސިސްފަދަ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ