ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުން ސްޕެއިން ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދިފައިނުވާތީ އެޓީމުގެ ކޯޗުކަމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފި އެވެ.
އެންރީކޭ ސްޕެއިންގެ ކޯޗުކަމުން ވަކި ވެފައި މިވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ މުބާރާތުން އެޓީމު ކަޓާފައިވަނިކޮށެވެ. މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.
ކުރިން ބާސެލޯނާ އަށް ވެސް ކޯޗުކޮށްދިން އެންރީކޭ ސްޕެއިންގެ ގައުމީ ޓީމުން އިސްތިއުފާ ދިންއިރު އޭނާ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ.
ސްޕެއިންގެ ގައުމީ ޓީމުން އެންރީކޭ އިސްތިއުފާ ދީފައިވާއިރު އޭނާގެ ބަދަލުގައި މަގާމާ ހަވާލުވާނެ ފަރާތެއް އެ ގައުމުގެ ފުޓްބޯޅަ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ސްޕެއިންގެ ކޯޗުކަމާ އެންރީކޭ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ސްޕެއިނުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މި އަހަރު ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ވެސް ސްޕެއިން ވަނީ ދަތުރުކޮށްފަ އެވެ.