ބެއިޖިން (14 ޑިސެމްބަރު) - އިންޑިއާއި ޗައިނާ ގުޅޭ މައްސަލަބޮޑު ހިމާލަޔަން ބޯޑަރު ކައިރީގައި ދެ ގައުމުގެ އަސްކަރީ ސިފައިންގެ މެދުގައި ކުރިމަތިލުން ތަކެއް ހިނގައިފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުނު ޗައިނާއާ ބޯޑަރު ހިއްސާކުރާ އެގައުމުގެ އަރޫނާޗަލް ޕްރަދޭޝްގެ އަވަށެއްގައި ހިނގި މި ކުރިމަތިލުންތަކުގައި ދެގައުމުގެ ސިފައިންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ދިގުމިނުގައި 2100 މޭލު (3379 ކިލޯމީޓަރު) ހުންނަ އެ ބޯޑަރަކީ ޒަމާނުއްސުރެ އިންޑިއާއާއި ޗައިނާގެ މެދުގައި މައްސަލައަކަށް ވެފައިވާ ބޯޑަރެކެވެ. މި ބޯޑަރުގެ މައްސަލައިގައި 2020 ވަނަ އަހަރު ދެގައުމުގެ އަސްކަރީ ސިފައިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު އެފަހަރު އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވެފައިވެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ޑިފެންސް މިިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވީ ޗައިނާއިން ބޯޑަރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދަށް ވަންނަން މަސައްކަތްކޮށް ވެވިފައިވާ އެއްބަސްވުމާ ޚިލާފުވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ހިމާލަޔަން ބޯޑަރުގެ މައްސަލައާއެކު އިންޑިއާ-ޗައިނާގެ ގުޅުންތައް ހީނަރުވެފައިވާއިރު ދެ ގައުމުން ބައިވެރިވާ ބައިނަލްއަގުވާމީ ސަމިޓުތަކުގައި ވެސް ދެ ގައުމުން އަންނަނީ މަޝްވަރާތަކުން ދުރުވަމުންނެވެ. -- ސީ އެން އެން