ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ރައްޔިތުންނަށް ބިރު ދައްކައިގެން ސޮއި ހަމަކުރުމުގެ 'ބޮޑު ގެއްލުން' އޮތީ ވެސް ހަމަ ސަރުކާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެފަދައިން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ އެއްކޮޅަށް ސޮއިކުރަމުންދާ ޕެޓިޝަނުގައި ސޮއިކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ޕެޓިޝަނަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަން މަޖިލީހުގެ ތަޅުމާ ހަމައަށް ގޮސްފައި ވަނިކޮށް، ސަރުކާރުން އެ ބިލާ އެއްކޮޅަށް ހުށަހެޅުމަށް މަސައްކަތް ކުރާ ޕެޓިޝަނެކެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެ ބިލަށް ތާއީދުކޮށް، ސަރުކާރަށް ތާއީދުކުރާ މީހުން ކަމަށް ބުނާ މީހުންގެ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި އެސްއޯއީތަކުގެ މުވައްޒަފުންނަށް އެ އަންނަނީ ސޮއިކުރަން މަޖުބޫރު ކުރުވަމުން ކަމަށެވެ. އަދި ރަށްރަށުގެ އެސްއޯއީ އޮފީސްތަކުގެ މުވައްޒަފުންނަށް ސަރުކާރުން ދަނީ ބިރު ދައްކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކަމެއްގެ ތާއީދު އޮތްކަން ދައްކަން ރައްޔިތުންނަށް ބިރު ދައްކައިގެން ސޮއި ހަމަކުރުމުގެ 'ބޮޑު ގެއްލުން' އޮތީ ވެސް ހަމަ ސަރުކާރަށެވެ. އަދި އެ ގެއްލުމަކީ ރައްޔިތުންގެ ތާއީދު ހުރި ނެތް މިންވަރު ހުދު ސަރުކާރަށް ވެސް އޮޅުން ކަމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

އެޗްޑީސީ، އާރްޑީސީ، ފެނަކަ، ވެމްކޯ އަދި ސްޓެލްކޯ ފަދަ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ޕެޓިޝަނުގައި ސޮއިކޮށް ވެރިންނަށް އެންގުމަށް މެނޭޖުމެންޓުން ވަނީ އަންގާފަ އެވެ. އަދި ސޮއިނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މުވައްޒަފުން ބުނެ އެވެ.

ސަރުކާރު އަޑީގައި އޮވެގެން ކުރިއަށްގެންދާ މި ޕެޓިޝަނުގައި މިހާތަނަށް 6,800 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.