ދަންވަރު ހޭލާ އުޅުމަކީ އަހަރުމެން ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާއްމުވެފައިވާ އާދަ އެކެވެ. އެއްބަޔަކު ރޭގަނޑުގެ ނިދި ގުރުބާން ކޮށް ވަޒީފާގެ މަސައްކަތްތައް ކުރާއިރު އަނެއް ބަޔަކު މުޅި މެންދަން ހޭދަ ކުރަނީ ފޯނާ ކުޅުމުގަ އެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ބަލާއިރު ކިހާ ނުރައްކާތެރި ކަމެއްކަން އެނގޭ ހެއްޔެވެ؟
ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން
ފިލާވަޅެއް އެއްޗެއް ދަސްކުރުމަށް ވެސް ރޭގަނޑުގެ ނިދި ނަގާލައިގެން ހުރުމަކީ ބޭކާރު ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރޭގަނޑު ހަމަ ނިދި ނުހޯދައި އެއްޗެއް ދަސްކުރަން މަސައްކަތް ކުރާނަމަ އެކަމަށް ސަމާލު ކަމެއް ނުދެވޭނެ އެވެ. ފުރިހަމަ ނިންޖާ ނުލައި އާ މައުލޫމާތު ސިކުނޑީގައި ހަރުލެއްވުމަކީ އުނދަގޫ ކަމަކެވެ.
ޑިޕްރެޝަނަށް މަގުފަހިވުން
ހަމަ ނިދި ނުލިބޭނަމަ ޑިޕްރެޝަނަށް މަގުފަހިވެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި އާއްމުކޮށް ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށް ވުރެ މަދުން ނިދާނަމަ އެންޒައިޓީ އާއި ޑިޕްރެޝަނަށް މީހާ ވެއްޓެ އެވެ. ރަނގަޅަށް ނުނިދާނަމަ މީހާގެ މޫޑަށް އަސަރުކޮށް އަވަހަށް ރުންކުރުވެ އެހެން މީހުންނާއި އޮންނަ ގުޅުމަށް ބުރޫ އަރަ އެވެ.
ހަންގަނޑަށް ގެއްލުންވުން
ލޯ ކައިރި ކަޅުވުމަކީ ރަނގަޅަށް ނުނިދާނަމަ ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މީހާއަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ ހަށިގަނޑުން ގިނަ އަދަދަކަށް ސްޓްރެސް ހޯމޯން ކޯޓިޒަލް ރިލީސް ކޮށް އޭގެ ސަބަބުން ހަންގަނޑުގެ އޮމާން ކަމާއި އިލާސްޓިކްކޮށް ބަހައްޓައިދޭ ޕްރޮޓީން ކޮލާޖަންގެ ބާރު ދަށްކޮށްލަ އެވެ.
ބަރުދަން އިތުރުވުން
ރަނގަޅަށް ނުނިދާނަމަ މީހާގެ ބަރުދަނަށް ވެސް އަސަރު ކުރެ އެވެ. ހޭލާ ހުރުމުން ގިނައިން ބަނޑުހައިވެ ކާހިތްވެ، ގިނައިން ކެވޭ ގޮތްވެ އެވެ. ދިރާސާ އަކުން ދައްކާ ގޮތުގައި މަދުވެގެން ހަ ގަޑި އިރު ނުނިދާ މީހުންގެ 30 ޕަސެންޓް މީހުންނަކީ މިނަށްވުރެ ފަލަ މީހުންނެވެ.