މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން މަރުކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން ނިންމައިފި އެވެ.

މަރު ކޮމިޝަނުން ވަނީ ރިލުވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓް މިއަދުގެ ވަގުތެއްގައި ރައީސްއަށް އެރުވުމަށް ނިންމާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ 8 އަހަރު މިއަހަރު ފުރިފައިވާއިރު، މަރުގެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނުން މަސައްކަތްކުރަމުން އަންނަނީ ރިޟްވާނުގެ މައްސަލާގައި އިންސާފު ގާއިމުކުރުމަށް ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި މީހުންނަށް އެ މީހަކު ބައިވެރިވި މިންވަރާ އެކަށޭނެ ގޮތެއްގައި ޒިންމާކުރުވަން ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރިލްވާންއަށް ވީގޮތުގެ ހަގީގަތް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އާއި އޭނާއަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ ސުވާލު އުފައްދަމުންނެވެ. އަދި އެކަމަށްޓަކައި ރައީސް އެކުލަވާލެއްވި ކޮމިޝަނުންގެ މެމްބަރު މުސާރަ ނެގުން ފިޔަވައި އިތުރުކަމެއް ކުރެވިފައިނުވާ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނޫސްވެރިނޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު އެވެ.