ބަރުދަން ލުއިކުރަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. އެކަމަށްޓަކައި ގިނަ ބަޔަކަށް އެކި ވަގުތުތަކުގައި ނުކައި ހުސް ގޮހޮރާ ވެސް ހުންނަން ޖެހެ އެވެ.

ބަރުދަން ލުއި ކުރުމަށްޓަކައި އެތައް ގިނަ ވައްތަރުގެ ޑައެޓް ޕްލޭންތައް އެކުލަވާލާފައިވާއިރު، ގިނަ ބަޔަކު ބުނަނީ ހެނދުނާއި މެންދުރުގެ ކެއުން ރަނގަޅަށް، ނުވަތަ އެ ވަގުތުތަކުގައި ގިނައިން ކެއި ކަމުގައި ވިޔަސް، ރޭގަނޑުގެ ކެއުން މަދުކުރުމަށެވެ. ނޫނީ އެއްގޮތަކަށް ވެސް ރޭގަނޑު ނުކެއުމަށެވެ.

ނަމަވެސް މިއީ މުޅިން ތެދެއް ނޫންކަން ޖަޕާނުގެ ހޯދުންތަކުން ވަނީ ހާމަވެފަ އެވެ. މިކަމާ ގުޅިގެން ޖަޕާނުން ދެޖިންސުގެ 25،000 މީހުންނަށް އެކި އަހަރުތަކުގެ މަތިން ހެދި ރިސާޗެއްގައި ވަނީ އެކި ވަގުތުތަކުގައި ކެއުމުގެ ވައްޓަފާޅި ބެހެއްޓުމުގެ ސަބަބުން ހަށިގަނޑާއި ސިއްހަތަށް އަންނަ ބަދަލުތަކެވެ.

އެގޮތުން ރިސާޗުގެ ނަތީޖާއެއްގެ ގޮތުގައި ފާހަގަވީ، ރޭގަނޑު ނުކެއުމުގެ ސަބަބުން ބަރުދަން އިތުރުވާކަމެވެ. ހަމައެހެންމެ ބަރުދަން އިތުރުވުމުގައި ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުމާ މާބޮޑު ގުޅުމެއް ނުވާކަން ވެސް އެ ރިސާޗުން ހާމަވެފައިވެ އެވެ.

އެ ހޯދުންތަކަށް ބަލާއިރު، އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ރޭގަނޑުގެ ކެއުން ސްކިޕް ކުރުމުން 10 އިންސައްތައަށް ބަރުދަން އިތުރުވެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ފަލަވާ ބައްޔަށް ވެސް ފުރުސަތު ބޮޑުވާކަން ހާމަވެފައިވެ އެވެ.