މިހާރު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ބޮލީވުޑް ފިލްމު "ބުރައްމަސްތުރާ" ގެ ތަރި މޯނީ ރޯއީ އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ.

އޭނާގެ ކެރިއަރު އެންމެ ފުރަތަމަ ފެށީ ޓީވީގައި ދައްކާ ސިލްސިލާ ޑްރާމާތަކުންނެވެ. ނަމަވެސް އެއަށްފަހު ކުއްލި ގޮތަކަށް އޭނާގެ ކެރިއަރު މައްޗަށް އަރައިގެން ދިޔައީ ރީތިވުމަށް މޯނީ ހެދި ޕްލާސްޓިކް ސާޖަރީތަކަށް ފަހުގައި ކަމަށް އެނގިފައިވެ އެވެ.

އެގޮތުން މޯނީ ވަނީ ބުމަ އިތުރަށް ރީތިކުރުމަށްޓަކައި ބުމައިގައި އިސްތަށި ޖަހާ ސާޖަރީއެއް ހަދާފަ އެވެ. ސާޖަރީގެ ކުރިން މޯނީގެ ބުމަ ހިމަކަމާއި ކުޑަކަން ފާހަގަކޮށް، ފޭނުން އޭނާގެ ފޮޓޯތައް އަޅާކިޔާފައި ވެސްވެ އެވެ.

އޭގެ އިތުރުން މޯނީ ވަނީ ތުންފަތް އިތުރަށް ބޮޑުކުރުމަށްޓަކައި ލިޕް ފިލާސްލާފަ އެވެ. ސާޖަރީގެ ކުރިން ގުދުރަތީގޮތުން އޭނާގެ ހުރީ ހިމަކޮށް ހުންނަ ތުންފަތެކެވެ. އަދި ތުންފަތް ބޮޑުކުރުމަށް ހެދި ސާޖަރީއަށް ފަހު އޭނާގެ ސޫރަ ވަރަށް ބޮޑަށް ތަފާތުވެގެންދިޔަ އެވެ.

މޯނީ ވަނީ އިތުރަށް ހަންގަނޑު އަލިކުރުމަށްޓަކައި ސްކިން ބްލީޗް ކޮށްފައިކަމަށް ވެސް އެނގިފައިވެ އެވެ. އަދި މޯނީ އޭނާގެ އުރަމަތީގެ ސާޖަރީއެއް ހެދިކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ސާޖަރީގެ ކުރިން އޭނާ ހުންނަގޮތާއި މިހާރު ފެނިގެންދާ ގޮތާ އާންމުން އަޅާކިޔައި ފާޑުކީ ނަމަވެސް، ގިނަ ބަޔަކު ދެކޭގޮތުގައި ސާޖަރީގެ ކުރިން ވެސް މޯނީއަކީ ރީތި އަންހެނެކެވެ. އަދި އޭނާ ރީތިވުމަށް އެއްވެސް ސާޖަރީއެއް ބޭނުން ނުވާކަމަށް ގިނަ ބަޔަކު ދެކެ އެވެ.