އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކޮށް މިލިއަނުން ހިޔާނާތްތެރިވި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ތަނާޒުލްވެވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އިސްގާޒީ ޝަކީލް ތަނާޒުލްވުމުން ފުއްގިރި މައްސަލަ ކުރިއަށް ގެންދާނީ އެ ކޯޓުގެ ގާޒީ އަލީ ނަދީމް ކަމަށެވެ. އެމައްސަލާގައި ގާޒީ ޝަކީލް ތަނާޒުލުވި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައިނުވެ އެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ޔާމީނަށާއި މ. ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަންގެ ދެ ކުންފުނި ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގަ އެވެ.
މިމައްސަލައިގަ އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މިމައްސަލައިން ގާޒީ ޝަކީލް ތަނާޒުލުވެ ވަޑައިގެންނެވި ނަމަވެސް ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތައް ބައްލަވަމުން ގެންދަވަނީ ގާޒީ ޝަކީލް އެވެ. މިމައްސަލަ މިހާރު އޮތީ ހުކުމް ކުރުމާއި ހަމައިގަ އެވެ. މިމައްސަލައިގެ ހުކުމް މިމަސް ނިމުގެ ކުރިން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.