ކުރަން ހުރި ކަންތައް ގިނަ ކަމުން އިތުރު ވަގުތުކޮޅަކަށް މަޑުކޮށްލެވެ އެވެ. މަސައްކަތްތައް ނިންމާލާފައި ހަމަޖެހިގެން ދިއުމަށެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ މީހުން ކުޑަކަމުދާން ޖެހުމުން އަމަލުކުރާ ގޮތެވެ. އެހެން ނަމަވެސް މިއީ ކިހާ ނުރައްކާތެރި ކަމެއްކަމާމެދު ވިސްނާލަނީ މަދު ބައެކެވެ.

އިންސާނާގެ ކުޑަކަމުދާ ނިޒާމުގައި ހިމެނޭ މުހިއްމު އެއް ގުނަވަނަކީ ބްލެޑާ އެވެ. ކުޑަކަމު ނުގޮސް ހިފަހައްޓާނަމަ، ބްލެޑާގެ ސައިޒް ބޮޑުވެ، ކުޑަކަމުދާ ތަކެތި ބްލެޑާގައި ހިފެހެއްޓޭ މިންވަރު އިތުރުކޮށްދޭ ކަމެއް ކަމަށް ބައެއް ހޯދުންތަކުން އެނގިފައިވެ އެވެ.

އެހެންނަމަވެސް މިގޮތަށް ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުމަކީ ބްލެޑާއަށް ބާރުބޮޑުވެ އެ ގުނަވަނަށް ގެއްލުންވާ ކަމެކެވެ. އޭގެ ސަބަބުން ބްލެޑާއާއި ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އުފެދި ޔޫރިން އިންފެކްޝަނަށް މަގުފަހިވުމުގެ އިތުރުން، ކުޑަކަމުދާ ހޮޅިއަށް އެތަކެތި އަލުން ދަތުރުކޮށް، ކިޑްނީގެ ބަލިތަކަށް މަގުފަހިވުންވެސް އެކަށީގެންވާކަމަށް ބައެއް ހޯދުންތަކުން ހާމަވެފައިވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންސާނަކު މަރުވުންވެސް ގާތެވެ.

ހަމައެހެންމެ ކުޑަކަމު ނުގޮސް ގިނަ އިރު ހޭކުރާނަމަ، ބްލެޑާގެ ތިރީގައިވާ (ކުޑަކަމު ދިއުން ކޮންޓްރޯލްކުރާ) މަސްތަކަށް ގެއްލުންވެ، ބަލިކަށިވުމުގެ ފުރުސަތު ބޮޑުކަން ހޯދުންތަކުން ހާމަވެފައިވެ އެވެ.