ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުން ރާއްޖެ ތަމްސީލުކުރި އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު (މއ. އަސާސް)، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން މުޅި ދުނިޔެއިން ހަތަރު ވަނަ ހާސިލުކޮށް ރާއްޖެއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދީފި އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، 133 ގައުމަކުން ބައިވެރިވި މި ބޮޑު މުބާރާތުން ޝާޔާ ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީގެ އިނާމެއްގެ ގޮތުން އޭނާއަށް ވަނީ 170،000 ސައުދީ ރިޔާލް (ގާތްގަނޑަކަށް 700،000 ދިވެހި ރުފިޔާ) ލިބިފަ އެވެ.
މިއީ މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ 46 އަހަރުވެފައިވާ މި މުބާރާތުގެ ތާރީހުގައި އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދީ، އަންހެން ކުދިންގެ ގޮތްޕެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މައްކާގެ މަސްޖިދުލް ހަރާމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. މީގެ އިތުރުން ސައުދީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަތީފް އާލުއްޝައިހާއި، ހަރަމްފުޅުގެ އިމާމު ޝައިހު ޑރ. އަބްދުއްރަހްމާނުއް ސުދައިސްގެ އިތުރުން، ހާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގެ ތެރެއިން ސައުދީ އިސްލާމިކް މިނިސްޓަރު ވަނީ ސީދާ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން މަރުހަބާ ވިދާޅުވެ، ހިތްވަރު ދެއްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މުބާރާތަކުން ދިވެހި ބައިވެރިއަކު މިފަދަ ރަން ވަނައެއް ހާސިލުކުރުމަކީ މުޅި ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.
އިސްކޮޅުގެ ސަބަބުން މަލާމާތާއި ފުރައްސާރަ އަމާޒުވި: އަމީތާބު
ކޯޓު ހުކުމަށް އަމަލުނުކުރި ކަމަށް ބުނެ މައްސަލަ ކައުންސިލަށް
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!