ބޮލީވުޑްގައި ގިނަ ބައެއްގެ ލޯބި ހޯދައި މަޝްހޫރުކަން ހޯދި ތަރިންގެ ތެރޭގައި އައިޝްވަރްޔާ ރާއި އާއި އަބީޝޭކް ބައްޗަން އަދި ރާނީ މުކަރްޖީ ހިމެނެ އެވެ.
މި ތަރިންނަކީ ކާމިޔާބު ފިލްމުތަކެއްގެ އިތުރުން މޮޅު ހުނަރެއް ދައްކައި އާންމުންގެ ލޯތްބާއި މަޝްހޫރުކަން ހޯދި ތަރިންނެވެ. ހަމައެހެންމެ 90 ގެ އަހަރުތަކުގައި ބޮލީވުޑް، ބޮލީވުޑަށް ހެދުމުގައި މި ތަރިންގެ ބޮޑު ރޯލެއްވެ އެވެ.
މި ތަރިންގެ ޕްރޮފެޝަނަލް ހަޔާތުގެ އިތުރުން ޒާތީ ކަންކަމަކީ ވެސް އާންމުން ބަލާލަން ބޭނުންވާ ކަންކަމެވެ. އެގޮތުން ތިން ތަރިންނަކީ ވެސް އެބައެއްގެ ހަޔާތުގައި އެކަކު އަނެކަކާ ގުޅޭ މާޒީއެއްވާ ތަރިންނެވެ.
މަޝްހޫރު ފަންނާނު އަބީޝޭކް ބައްޗަން ވަނީ އޭނާގެ ރީތި އަންހެނުން، އައިޝްވަރްޔާ ރާއީ އާއި ކައިވެނިކުރަން ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނަކާ އޮތް ގުޅުން ކަނޑާލާފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، އަބީޝޭކް އެންމެ ފުރަތަމަ ކައިވެނިކުރަން ހަމަޖެހުނީ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ކަރިޝްމާ ކަޕޫރާ އެވެ. އެކި ސަބަބުތަކާއި ގުޅިގެން އެ ދެމީހުންގެ ކައިވެނި ރޫޅުމުން ދެން އަބީޝޭކް ލޯބީގެ ގޮތުން ގުޅުނީ ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރާނީ މުކަރްޖީއާ އެވެ.
އެހެން ނަމަވެސް ރާނީއާ އަބީޝޭކްގެ ގުޅުން، މާ ގިނަ ދުވަހަކު ދެމިގެން ގޮސްފައެއް ނުވެ އެވެ. އޭރު އަބީޝޭކް ދިޔައީ އައިޝްވަރްޔާއާ އެކުގައި ފިލްމެއް ކުޅެމުންނެވެ. އަދި އެފިލްމުގެ ޝޫޓިިންގެ ތެރެއިން އަބީޝޭކާއި އައިޝްވަރްޔާއާ މެދުގައި ގާތް ގުޅުމެއް އުފެދި، އެގުޅުން ލޯތްބަށް ބަދަލުވި އެވެ. އޭރު ވެސް ރާނީ ހުރީ އަބީޝޭކްގެ ލޯބިވެރިއެއްގެ ގޮތުގަ އެވެ.
މިކަމާ ގުޅިގެން ތަރިންގެ މެދުގައި ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައިވެ އެވެ. ރާނީ އާއި އަބީޝޭކްގެ ގުޅުމަށް ހުރަސްއެޅުމުގެ ސަބަބުން ރާނީ އަދިވެސް އައިޝްވަރްޔާއާ ވާހަކައެއް ނުދައްކަ އެވެ. ހަމައެހެންމެ ރާނީއާ އެކު މަސައްކަތް ނުކުރުމަށް އައިޝްވަރްޔާ ވަނީ އޭނާގެ ފިރިމީހާއަށް އަމުރުކޮށްފަ އެވެ.
އައިޝްވަރްޔާ އާއި އަބީޝޭކްގެ ކައިވެންޏަށް ފަސް އަހަރު ފުރިފައިވާއިރު، އެ ދެފަންނާނުންނަށް ވަނީ އަންހެން ދަރިއަކު ވެސް ލިބިފަ އެވެ.