ދުވާލަކު މެރެތަންއެއް ޖެހުމަކީ އާދައިގެ އިންސާނަކަށް ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ މެރަތަން މޭންގެ ގޮތުން މަޝްހޫރު ގެރީ މެކީ މި ވަނީ އެކަން ހާސިލްކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ކޮންމެ ދުވަހަކު މެރަތަންއެއް ޖަހައިފަ އެވެ. އެއީ ދުވާލަކު 42 ކިލޯ މީޓަރަށް، އެންމެ ދުވަހެއް ވެސް ކެނޑުކަނޑާނުލައި 365 ދުވަހު ދުވުމެވެ.
މިދިޔަ އަހަރުގެ ޗެލެންޖެއްގެ ގޮތުގައި ގެެރީ މެކީގެ މަސައްކަތް ފެށީ ޖެނުއަރީ 1، 2022 ގަ އެވެ. އޭނާގެ އަޒުމަކަށް ހެދީ ކޮންމެ ދުވަހަކު މެރަތަންއެއް ޖަހައިގެން ޗެރީގެ ގޮތުގައި ލިބޭ ފައިސާ މެކްމިލަން ކެންސާ ސަޕޯޓް އަދި ހޮސްޕިސް އެޓް ހޯމް ވެސްޓް ކަމްބްރިއާ އަށް ހަދިޔާކުރުމަށެވެ.
ތިން ކުދިންގެ ބައްޕައެއް ކަމަށްވާ މެކީ 42 ކިލޯ މީޓަރުގެ ދުވުން ކޮންމެ ދުވަހަކު ވެސް ޖަހަނީ އޭނާ މަސައްކަތަށް ދިއުމުގެ ކުރިންނެވެ. އެންމެ ފަހު ދުވަހުގެ ދުވުން ނިންމާލުމަށް ފަހު މެކީ ވަނީ އާއްމުންގެ ފަރާތުން އޭނާ އަށް ލިބުނު ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ. ޓްވީޓެއްގައި މެކީ ފަހުން ބުނެފައި ވަނީ މެރަތަން ދުވަހުން ޗެރިޓީގެ ގޮތުގައި އޭނާ އެއްކުރަން ބޭނުންވި އެއް މިލިއަން ޕައުންޑުގެ އަމާޒު ހާސިލްވެފައިވާ ކަމަށެވެ.
ޑިސެމްބަރު 31 ވަނަ ދުވަހުގެ ދުވުން މެކީ ފެށީ ޖީއެމްޓީން 8:30 ގަ އެވެ. ދުވުން އޭނާ ނިންމާލީ ޖީއެމްޓީން 14:00 ގަ އެވެ. ދުވުން ނިންމާލުމުގެ ގޮތުން ވަނީ ހަވާ އަރުވައިފަ އެވެ. އޭނާގެ ދުވުން ނިންމާލިއިރު މިދިޔަ އަހަރު އޭނާ ވަނީ 15،300 ކިލޯ މީޓަރު (9،500 މޭލު) ދުވެފަ އެވެ.
ދުވުން ނިންމާލުމަށް ފަހު މެކީ ބުނީ މިިދިޔަ އަހަރު 365 މެރަތަން އޭނާ އަށް ޖެހުނީ އާއްމުންގެ ފަރާތުން ލިބުނު ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އަދި މުހިންމީ އޭނާ ދުވި ދުރުމިން ނޫން ކަމަށާއި އެކަމަކު އެ ދުވުމުން އެއްކުރި ފައިސާއިން ފޯރުކޮށްދެވުނު އެހީ ކަމަށެެވެ.
މެކީ އެހީވެ ދިން ދެ ޗެރިޓީން ވެސް ބުނެފައި ވަނީ އޭނާގެ މެންޓަލް އަދި ފިޒިކަލް ސްޓްރެންތަކީ އާދަޔާޚިލާފު ކަމެއް ކަމަށެވެ. އަދި އެ ދުވުމަކީ ހަމައެކަނި ޗެލެންޖެއް ނޫން ކަމަށާއި ދުވަހުގެ ތެރޭގައި އެތައް ބަޔަކު އެއްބައިވަންތަ ކުރުވައިފި ކަމަށެވެ.