ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ޖިނާއީ ދައުވާގެ އަޑުއެހުންތައް ކުރިއަށްގެންދަވާ ގާޒީ އަލީ ނަދީމް އެ މައްސަލައިން ތަނާޒުލްވުމާ މެދު ވިސްނަން ފަށައިފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މއ. ކްރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ މައްޗަށެވެ.

ކްރިކް ރިޒާގެ ގާނޫނީ ވަކީލު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ގާޒީ ނަދީމް އެ މައްސަލައިން ތަނާޒުލްވާންޖެހޭ ކަމަށް ކްރިކް ރިޒާގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ވަކީލެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވުމެވެ.

ފުއްގިރި މައްސަލައާ ގާޒީ ނަދީމް ހަވާލުވެވަޑައިގެންނެވީ، އެ މައްސަލައިގެ ޝަރީއަތުން އިސްގާޒީ އަހުމަދު ޝަކީލު ތަނާޒުލްވުމުންނެވެ.

ކްރިކް ރިޒާގެ ވަކީލު ދެއްކެވި ވާހަކަތަކަށްފަހު ގާޒީ ނަދީމް ވަނީ އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށް އެއްބަސްވެފަ އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތީ ޖަލުގައި ހުންނަވައިގެންނެވެ. ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މި މައްސަލައިގައި އަދީބަށް ލުއިތަކެއްދީ އެއްބަސްވުންތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ވަކީލަކު ޝަރީއަތް ކުރެއްވުމުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ގާޒީ ނަދީމް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެކަންކަމާ މެދު ވިސްނާވަޑައިގަތުމަށްފަހު ފަހުން ގޮތެއް ނިންމަވާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.